ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް އައްޔަން ކުރެއްވި މުހައްމަދު ފަހުމީ ހަސަން އެ މަގާމުން މިއަދު ވަކިކޮށްފިއެވެ.
ފަހުމީ އެ މަގާމުން ވަކިކުރިކަން ރައީސް އޮފީހުގެ ސްޓްރެޓެޖިކް ކޮމިޔުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލް މިރޭ ވަނީ "ވަން" އަށް ކަށަވަރުކޮށްދެއްވައިފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، ފަހުމީއަށް ސްޓޭޓް މިނިސްޓަރުކަން ދެއްވީ މިދިޔަ ހޯމަ ދުވަހުއެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށް ސަރުކާރަށް ފާޑުކިޔާފައިވެއެވެ.
ސީއެސްސީގެ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކޮށް، އެ ކޮމިޝަންގެ ރައީސްކަމާއި މެމްބަރުކަމުން އޭނާ ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 20 ނޮވެމްބަރު 2012 ގައެވެ.
ނަމަވެސް އޭނާ މަގާމުން ވަކިކުރީ ދުސްތޫރީ އުސޫލުތަކުގެ ބޭރުން ކަމަށާއި ގާނޫނުއަސާސީގެ ބޭރުން ކަމަށް ބުނެ ފަހުމީގެ ފަރާތުން ރައްޔިތުންގެ މަޖިލީހާ ދެކޮޅަށް ސުޕްރީމް ކޯޓަށް 11 ޑިސެމްބަރު 2012 ގައި މައްސަލައެއް ހުށަހެޅިއެވެ. އެ މައްސަލަ ބެލުމަށްފަހު ސުޕްރީމް ކޯޓުން 14 މާޗު 2013 ގައި ނިންމީ އޭނާ ވަކިކުރަން މަޖިލީހުން ނިންމި ހުރިހާ އިޖުރައާތެއް ބާތިލު ކަމަށެވެ.
އެ ފަހުން ކުރީގެ ރައީސް އަބްދުالله ޔާމީންގެ ސަރުކާރުން 28 ނޮވެމްބަރު 2013 ގައި މެލޭޝިއާގައި ހުންނަ ހައިކޮމިޝަނުގެ ޑެޕިއުޓީ ހައި ކޮމިޝަނަރުގެ މަގާމަށް ފަހުމީ އައްޔަންކުރެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު