ކުރީގެ ރައީސް، އަދި ޕީޕީއެމްގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޕީޕީއެމުން ވަކިވެވަޑައިގަންނަވަން ނިންމަވައިފިއެވެ.

ރައީސް ޔާމީން ވަނީ ޕީޕީއެމުން ވަކިވެވަޑައިގެން އާ ޕާޓީއެއް ހައްދަވަން ވެސް ނިންމަވައިފައެވެ.

ރައީސް ޔާމީންގެ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލު އަހުމަދު "ޗެނަލް 13"އަށް މިރޭ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ޕީޕީއެމްގެ ލީޑަޝިޕުގެ އެއްބާރުލުން ރައީސް ޔާމީނަށް ނެތުމުން ޕީޕީއެމުން ވަކިވެވަޑައިގަންނަވަން ނިންމަވާފައިވާ ކަމަށެވެ.

"ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައީސް ޔާމީންގެ ފޯނެއްވެސް ނުނަންގަވާ، އަދި ހަމަ އެއާއެކު ޕީޕީއެމް-ޕީއެންސީގެ ލީޑަޝިޕުން މިވަނީ ރައީސް ޔާމީންއާ ދުރަށް ވަޑައިގެންފައި. ރައީސް ޔާމީންއާ މަޝްވަރާއެއް ނުކުރައްވާ، އަދި ހަމަ އެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ރައީސް ޔާމީން އިސްވެ ހުންނަވައި އެ ޕާޓީ ހިންގަން އެ ބޭފުޅުން ބޭނުމެއް ނުވޭ، މި ހުރިހާ ކަމެއް މިހެން ހުރުމާއެކީގައި އެ މަނިކުފާނުގެ ސިޔާސީ މަސައްކަތް ކުރިއަށް ގެންދިއުމަށާއި މަޖިލިސް އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިއުމަށް މިރޭ ރައީސް ޔާމީން ނިންމަވާފައި މިވަނީ ޕީޕީއެމް ދޫކުރައްވަން،" ޑރ. ޖަމީލް ވިދާޅުވިއެވެ.

ޑރ. ޖަމީލް ވިދާޅުވީ ޕީޕިއެމްއާ ދުރަށް ވަޑައިގެންނަވައި އާ ސިޔާސީ ޕާޓީއެއް އުފައްދަވަން ރައީސް ޔާމީން ނިންމަވާފައިވާ ކަމަށެވެ.

ޑރ. ޖަމީލް އިތުރަށް ވިދާޅުވީ، ރައީސް މުއިއްޒުގެ ސަރުކާރު އެކުލަވާލާފައިވަނީ ރައީސް ޔާމީންގެ އެއްވެސް މަޝްވަރާއެއް ނެތި ކަމަށާއި ޕީޕީއެމްގެ ބޭފުޅުން ސަރުކާރުގައި މަދު ކަމަށެވެ.

"މިއީ ވަކި ބައެއްގެ ޖާހަތާއި އެއްޗެހި ބޮޑުކުރުމަށް ގެނައި ވެރިކަމެއް ނޫން އެއްވެސް ހާލެއްގައި،" ޑރ. ޖަމީލް ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ޕީޕީއެމްއާ އެއް ކޯލިޝަނެއްގައި އޮތް ޕީއެންސީންނެވެ. ރައީސް މުއިއްޒު ކެމްޕެއިނުގައި އެންމެ ގަދައަށް ދެއްކެވި އެއް ވާހަކަފުޅަކީ އެ މަނިކުފާނަކީ ރައީސް ޔާމީން އެންޑޯޒްކުރައްވާފައިވާ ކެންޑިޑޭޓެއް ކަމަށާއި ރައީސް ޔާމީން މިނިވަަންކުރައްވާނެ ކަމަށެވެ. ނަމަވެސް ވެރިކަމަށް އިންތިހާބުވެވަޑައިގަތުމަށްފަހު ޕީއެންސީން ސިޔާސީ މަސައްކަތް ކުރަމުން ގެންދަނީ ޕީޕީއެމްއާ ވަކިންނެވެ. ޕީއެންސީން ވަނީ އެ ޕާޓީގެ މަސައްކަތްތައް ކުރުމަށް އާ އޮފީހެއް ވެސް ހުޅުވައިފައެވެ.