ރައީސް ޑރ. މުހައްމަދު މުއިއްޒު، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރު ކަމަށް ބަންޑާރަ ނައިބް އަހުމަދު އުޝާމް އަދި ރ. އިނގުރައިދޫ/ ހިތްވަރު، މުހައްމަދު ސަމީރު މިއަދު އައްޔަން ކުރައްވައިފިއެވެ.

އެ ދެ ބޭފުޅުން ޖޭއެސްސީއަށް އައްޔަން ކުރައްވައި، ލިޔުން ހަވާލުކުރެއްވީ އެކަމަށްޓަކާ މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެ ރަސްމިއްޔާތުގައި ޖޭއެސްސީގެ މެންބަރުކަމަށް އައްޔަން ކުރެއްވުމުގެ ކުރިން ދެ ބޭފުޅުންވެސް ވަނީ އެ ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ރައީސްގެ ކުރިފުޅުމަތީގައި ކުރައްވައިފައެވެ. ދެ ބޭފުޅުންނަށްވެސް ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ.

އުޝާމް ޖޭއެސްސީއަށް އައްޔަން ކުރެއްވީ ބަންޑާރަ ނައިބުގެ ހައިސިއްޔަތުންނެވެ. އަދި ސަމީރު އެ ކޮމިޝަނަށް އައްޔަން ކުރެއްވީ ރައީސްގެ ފަރާތްޕުޅުން އައްޔަން ކުރައްވާ މެންބަރެއްގެ ހައިސިއްޔަތުންނެވެ.

ޖޭއެސްސީއަށް މިއަދު އައްޔަން ކުރެއްވި ސަމީރު މީގެ ކުރިން ވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓަރުކަމުގެ މަގާމާއި ނަޝީދު އެންޑް ކޯގެ ސީނިއާ އެސޯސިއޭޓްކަމުގެ މަގާމާއި ސަމީރު އެންޑް ޝަމާމް އެލްއެލްޕީގެ މެނޭޖިން ޕާޓްނަރުކަން ކުރައްވައިފައެވެ.

އުޝާމް ބަންޑާރަ ނައިބުގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު ކަމުގައެވެ. އޭގެ ކުރިން ވަނީ ޑެޕިއުޓީ އެޓާނީ ޖެނެރަލްކަން ކުރައްވައިފައެވެ.