އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހާއްސަ ޖަލްސާއެއް މިރޭ އއ. އުކުޅަހުގައި ބާއްވަން ނިންމައިފިއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިދާރީ އިބްރާހިމް ވަހީދު (އިބުރޭ) މިއަދު "ވަން" އަށް ވިދާޅުވީ، މިއީ އެމްޑީޕީގެ ކުރިއަށް އޮތް ހަރަކާތްތައް ރޭވުމަށް ބާއްވާ ޖަަލްސާއެއް ކަމަށާއި ވަކި ހާއްސަ ކަމެއް ނިންމުމަށް ބާއްވާ ޖަލްސާއެއް ނޫން ކަމަށެވެ.
އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާއެއް އެންމެ ފަހުން ބޭއްވީ ރިޔާސީ އިންތިހާބުގައި ކުރިމަތިވި ނާކާމިޔާބީއަށްފަހު، އޮކްޓޯބަރު 3، ގައި މާލޭގައެވެ. އެ ޖަލްސާގައި އޭރު ވެރިކަމުގައި ހުންނެވި އެ ޕާޓީގެ އެންމެ އިސް ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ޖަލްސާގައި ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ނިޒާމީ ވޯޓަކަށް ގޮސްފި ނަމަ، ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރުމަށް ނިންމިއެވެ. އަދި އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ކުރިން ރައީސުލްޖުމްހޫރިއްޔާކަން އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކުރައްވާފައިވާ ބޭފުޅުންނަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ފުރުސަތު ދިނުމަށް ގަރާރެއް ހުށަހެޅިއެވެ.
ނަމަވެސް އެ ގަރާރަށް ގޮތެއް ނިންމާފައެއް ނުވެއެވެ.
އެމްޑީޕީން މިރޭ އުކުޅަހުގައި ބާއްވާ ގައުމީ މަޖިލީހުގެ ޖަލްސާގައި ރައީސް ސޯލިހު ބައިވެރިވެވަޑައެއް ނުގަންނަވާނެއެވެ. އެއީ ޕާޓީގެ އިތުރު އެއްވެސް މަގާމެއް ފުރުއްވަމުން ނުގެންދަވާތީ އާއި އެ މަނިކުފާނުގެ ވެރިކަމުގެ ދައުރު ނިމިފައިވާތީއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ސަރުކާރުގެ މިނިސްޓަރުންނަށްވެސް އެމްޑީޕީގެ ގައުމީ މަޖިލީހުން ފުރުސަތު ލިބެއެވެ. މި ސަރުކާރުގެ ދައުރު މިހާރު ހަމަވުމުން، ޕާޓީގެ މަގާމެއް އަދާނުކުރައްވާތީ ބައެއް މިނިސްޓަރުންނަށްވެސް އެމްޑީޕީގެ ގައުމީ މަޖިލީހުން ފުރުސަތު ގެއްލޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު