ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އާ މިނިސްޓްރީތައް ހިމެނޭ ގޮތުން ސަރުކާރަށް އިތުރުވާ ވުޒާރާތަކަށް ބަޖެޓް އެޖެސްޓްކޮށް، އަންނަ ހޯމަ ދުވަހު އެކަމާބެހޭ ހުށަހެޅުންތައް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީއަށް ހުށަހަޅާނެ ކަމަށް ފިނޭންސް މިނިސްޓްރީން އަންގާފައިވާ ކަމަށް ބަޖެޓް ކޮމެޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ނާޝިޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގައި ވާހަކަދައްކަވަމުން ނާޝިޒު މިއަދު ވިދާޅުވީ، ފިނޭންސް މިނިސްޓްރީން ކޮމިޓީއަށް ރިކުއެސްޓެއް ފޮނުވާފައިވާ ކަމަށެވެ.

"ފިނޭންސް މިނިސްޓްރީގެ ފަރާތުން އެބަ އޮތް ރިކުއެސްޓް ކުރައްވައިފަ ދައުލަތުގެ ހިންގުމުގެ ނިޒާމަށް އަންނަ ބަދަލުތަކުގެ ތެރެއިން އިތުރުވާ މިނިސްޓްރީތައް ހިމެނޭ ގޮތުން އިތުރުވާ ވުޒާރާތަކާއެކީގައި ބަޖެޓްގެ އެބައި ބަޔަށް ބަޖެޓް އެޖެސްޓްމެންޓް ހެދުމަށްފަހު އަންނަ ހޯމަ ދުވަހަށް ހުށަހަޅާނެ ކަމަށް،" ނާޝިޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ މައުލޫމާތުތައް ފޮނުވުމުން މެންބަރުންނާ ހިއްސާ ކުރުމަށްފަހު ކޮމިޓީގެ ބަހުސަށް ގެންނަވާނެ ކަމަށެވެ. އަދި އެބައި ހުށަހަޅާނެ ގޮތެއް އެނގިފައިނުވާތީ ކޮމިޓީގައި ބަޖެޓް ބަހުސް ކުރިއަށް ގެންދަން އުނދަގޫވާނެތީ އެކަން ކުރެވެން ނެތް ކަމަށްވެސް ވިދާޅުވިއެވެ.

ބަޖެޓް ދިރާސާކުރުމުގެ މަސައްކަތް ކޮމިޓީން ކުރިއަށްދާއިރު ބަޖެޓް ބަހުސްވެސް އިއްޔެއިން ފެށިގެން މަޖިލީހުގައި ވަނީ ފަށައިފައެވެ.

މަޖިލީހުގައި ބަޖެޓް ބަހުސް ކުރިއަށް ގެންދަން ނިންމާފައިވަނީ، ބަހުސްގައި ވާހަކަދައްކަވާ ކޮންމެ މެންބަރަކަށް 15 މިނެޓުގެ ވަގުތެއް ދީގެންނެވެ. އެގޮތުން އިއްޔެއިން ފެށިގެން ވާހަކަދައްކަން ބޭނުންވާ ހުރިހާ މެންބަރުން ވާހަކަދައްކައި ނިމެންދެން މިރެއާއެކު މަޖިލީހުގައި ބަޖެޓް ބަހުސް ކުރިއަށް ގެންދަން ވަނީ ނިންމައިފައެވެ.

ބަޖެޓް ބަހުސްގައި މެންބަރުން ދައްކާ ވާހަކަތަކާއި ކުރައްވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގަށް ޖުމުލަ 45 މިނެޓުގެ ވަގުތެއް ދޭން މަޖިލީހުގެ އާއްމު ކޮމިޓީން ވަނީ ނިންމައިފައެވެ. އެއީ ބަޖެޓް ބަހުސް ފަށާއިރު 15 މިނެޓު ބަހުސްގެ މެދު ތެރެއިން 15 މިނެޓު އަދި ބަޖެޓް ބަހުސް ނިމުމުން 15 މިނިޓެވެ.

ނަމަވެސް މަޖިލީހުގައި ބަޖެޓް ބަހުސް ފެށީ އިއްޔެ ނަމަވެސް މިނިސްޓަރު މަޖިލީހަށް ވަޑައިގެންފައެއް ނުވެއެެވެ. އެހެންކަމުން މިއަދުގެ ޖަލްސާ ފެށުމުގެ ކުރިން މިނިސްޓަރު ވާހަކަދެއްކެވުމުގެ ފުރުސަތު ރިޔާސަތުން ދިނެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓްގައިވާ ގޮތުން، ބަޖެޓުން ހަރަދުގެ ގޮތުގައި ހިނގާނީ 47.3 ބިލިއަން ރުފިޔާއެވެ. އެއީ ރިކަރަންޓް ހަރަދުގެ ގޮތުގައި 34.8 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 12.5 ބިލިއަން ރުފިޔާއެވެ. މީގެ އިތުރުން ދައުލަތުގެ ދަރަނި އަދާކުރުމަށްޓަކައި 2.2 ބިލިއަން ރުފިޔާވެސް ބަޖެޓުގައި ވަނީ ހިމަނައިފައެވެ.