އިޒްރޭލު ރައްޔިތުން ރާއްޖެ އައުން މަނާކުރުމަށް 1،000 ސޮޔާއެކު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޕެޓިޝަން ރައްޔިތުންގެ މަޖިލީހުގެ ޕެޓީޝަން ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

އެ ޕެޓިޝަން ހުށަހަޅާފައި ވަނީ "ރައިޓް މޫވްމަންޓް" ކިޔާ ޖަމިއްޔާއަކުންނެވެ. މިދިޔަ ހޯމަ ދުވަހު އެ ޕެޓިޝަން މަޖިލީހަށް ހުށަހެޅީ، އޭގައި ސޮއިކުރި ގިނަ އަދަދެއްގެ މީހުންގެ ތެރެއިން 1،000 މީހުންގެ ސޮޔާ އެކުއެވެ.

އެގޮތުން، މާލެއިން އެކަނިވެސް 10،000 އަށްވުރެން ގިނަ މީހުންގެ ސޮއި ލިބިފައިވާ ކަމަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް ސޮއި ކުރުމުގެ ހަރަކާތްތައް ކުރިއަށްދާ ކަމަށް ބުންޏެވެ. ޕެޓިޝަނުގައި ސޮއި ކުރުމުގެ މަސައްކަތް އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެކަަށް "ރައިޓް މޫވްމަންޓް" އިން ވަނީ ބުނެފައެވެ.

ރައިޓް މޫވްމަންޓުން ބުނީ އިޒްރޭލުގެ ރަށްވެހީން ރާއްޖެ އެތެރެވުން ހުއްޓުވުމަށް އެދި އެ ޕެޓިޝަން ހުށަހަޅަނީ ފަލަސްތީން ނައްތައިލުމަށް އިޒްރޭލުން ކުރަމުންދާ ލާއިންސާނީ އަމަލުތަކާއި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ދިވެހީން ދެކޮޅުކަން ހާމަކުރުމުގެ ގޮތުން ކަމަށެވެ.

އިސްރޭލް ޕާސްޕޯޓް ބެއިން ކުރުމަށާއި، އެ ގައުމާ ގުޅުންހުރި ތަކެތި ރާއްޖެ އެތެރެ ނުކުރުމަށާއި، އަދި އެއްވެސް ހާލެއްގައި އެ ގައުމުގެ ރައްޔިތަކުން ރާއްޖެ އެތެރެވިޔަނުދިނުމަށް އެ ޕެޓިޝަން ގައި ވަނީ އެދިފައެވެ.

ރައިޓް މޫވްމަންޓުން އެ ޕެޓިޝަން ހުށަހަޅާފައިވާއިރު، ފަލަސްތީނުގެ ބިންތަކަށް އިޒްރޭލުން ވެރިވެގަތުމަށް ކުރަމުން ގެންދާ މަސައްކަތް ހުއްޓާލުމަށް ގޮވާލުމާއެކު ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންގެންދާ އިންސާނިއްޔަތާ ހިލާފު އަނިޔާތައް ކުށްވެރިކޮށް އިޒްރޭލާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން ހުށަހެޅުއްވި ގަރާރަކަށްވެސް މަޖިލީހުގައި ވަނީ ބަހުސްކޮށްފަ އެވެ.

އިޒްރޭލުން ގާޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 13،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ޕެޓިޝަނާބެހޭގޮތުން މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި މިއަދު ކުރިއަށްދިޔަ ބައްދަލުވުމުގައި، އެ މައްސަލައަކީ ހައްސާސް މައްސަލައެއްކަން ފާހަގަ ކުރައްވައި، ޕެޓިޝަނާ މެދު ކޮމިޓީން ގޮތެއް ނިންމުމަށް ހުށަހެޅުއްވީ، ދަ ޑިމޮކްރެޓްސްގެ މެންބަރު ހެންވާރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ.

އެހެންކަމުން މި ޕެޓިޝަން ކޮމިޓީން ފާސްކުރީ، ކޮމިޓީ ބައްދަލުވުމުގައި ތިއްބެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.