ޖަރުމަނުން ރޭ ކުޅުނު ފީފާ އެކުވެރިކަމުގެ މެޗުގައި އޮސްޓްރިއާ ކައިރިންވެސް ބަލިވެއްޖެއެވެ.

ޖުލިއަން ނަގެލްމާން ޖަރުމަނުގެ ކޯޗުކަމާ ހަވާލުވެ ފުރަތަމަ ކުޅުނު މެޗުގައި އެމެރިކާ ކައިރިން މޮޅުވި ނަމަވެސ،ް އޭގެ ފަހުން މެކްސިކޯ ކައިރިންވީ އެއްވަރެވެ. މިހަފުތާ ކުރީކޮޅު ތުރުކީ އަތުން ޖަރުމަނުވީ ބައްޔެވެ. ރޭ ރަށުން ބޭރުގައި އޮސްޓްރިއާ ކައިރިން ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ.

ޖަރުމަނުން އަންނަ އަހަރުގެ ޔޫރޯ ބޭއްވުމަށް ތައްޔާރުވަމުންދާ އިރު، އެޓީމަށް ކޮލިފިކޭޝަން ކުޅެން ނުޖެހެނީ ހޯސްޓް ގައުމަށްވުމުންނެވެ. އެ މުބާރާތުގެ ނަތީޖާއަށް ޖަރުމަނުން ތައްޔާރުވަމުންދާ އިރު، އާ ކޯޗު ނަގެލްސްމާން ޓީމާ ހަވާލުވީ ހާންސީ ފްލިކް މަގާމުން ދުރަށް ޖެހިލުމުންނެވެ.

ކުރިން މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުގައި ހުރި ރާފް ރަންގްނިކް ކޯޗުކަމުގައި ކުޅުނު އޮސްޓްރިއާއިން ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ލީޑު ނެގީ މާސެލް ސަބިޓްޒާ ޖެހި ގޯލުންނެވެ.

ދެވަނަ ހާފަށް އޮސްޓްރިއާއިން ލީޑުގައި އޮވެ ނުކުތް އިރު، 49 ވަނަ މިނެޓުގައި ޖަރުމަނުގެ ލެރޮއި ސާނޭއަށް ދެއްކި ރަތްކާޑާއެކު އޮސްޓްރިއާއަށް މެޗު ފަސޭހަވިއެވެ. އެއީ ސާނޭގެ ކެރިއަރުގައި އޭނާއަށް ދެއްކި ފުރަތަމަ ރަތް ކާޑެވެ.

ޖަރުމަނު ކޮޅަށް ރޭގެ މެޗުގައި އޮސްޓްރިއާގެ ދެވަނަ ގޯލު ޖެހީ ކްރިސްޓޯފް ބައުމްގާޓްނާއެވެ.