މެންޗެސްޓާ ސިޓީއަށް ކުރިން ކުޅުނު ފްރާންސްގެ ޑިފެންޑަރު ބެންޖަމިން މެންޑީ، އެ ކްލަބުން ނުދީ އޮތް އެތައް މިލިއަން ޕައުންޑެއް ހޯދަން ކޯޓަށް މައްސަލަ ވައްދައިފިއެވެ.

އުމުރުން 29 އަހަރުގެ މެންޑީ، ސިޓީ ދޫކޮށްލީ މިދިޔަ ހޫނު މޫސުމުގައެވެ. އެއީ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން ހަމަވުމުންނެވެ. މެންޑީ 2021 ވަނަ އަހަރުން ފެށިގެން ކަސްޓިޑީގައި އެތައް ދުވަހެއް ވަންދެން ހުރީ ރޭޕް ކުރަން އުޅުމާއި، ރޭޕް ކުރި ކަމުގެ ތުހުމަތުތަކުގައެވެ. އެ މައްސަލަތައް މެންޑީގެ މައްޗަށް ސާބިތުވެފައެއް ނުވެއެވެ.

މެންޑީއަށް 2021 ވަނަ އަހަރު ސެޕްޓެމްބަރު މަހުން ފެށިގެން ސިޓީން މުސާރަ ދީފައިނުވާ އިރު، މެންޑީ ހުށަހެޅީ އެ ދުވަހުން ފެށިގެން އެއްބަސްވުމުގެ ނިޔަލަށް ނުދީއޮތް ފައިސާ ހޯދުމަށެވެ.

މެންޑީގެ ފަރާތުން ވަކާލާތުގެ ކުރީ އިނގިރޭސި ކުޅިވަރު ލޯޔަރު، ނިކް ޑެ މާކޯގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނީ ސިޓީގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުސާރަ މެންޑީއަށް ގަނޑުކޮށް ދޭން ޖެހޭ ކަމަށާއި، "މަލްޓި މިލިއަން ޕައުންޑް" ހޯދަން މިހާރު ހުށަހަޅާފައިވާ ކަމަށެވެ.

މެންޑީ، 2017 ވަނަ އަހަރު މޮނާކޯއިން ސިޓީއާ ގުޅުނީ 52 މިލިއަން ޕައުންޑްގެ ޓްރާންސްފާއެއްގައެވެ. ސިޓީއާއެކު ޕްރިމިއާ ލީގު ޗެމްޕިއަންކަން 2018، 2019 އަދި 2021 ވަނަ އަހަރު މެންޑީ ހޯދިއެވެ. އެ ކްލަބަށް މެންޑީ އެންމެފަހުން ކުޅުނު މެޗަކީ 15 އޮގަސްޓް 2021 ވަނަ އަހަރު ޕްރިމިއާ ލީގުގައި ކުޅުނު މެޗެވެ.

މެންޑީ 2021 ވަނަ އަހަރު ހައްޔަރުކޮށްފައިވާ އިރު، ފަސް މަސް ދުވަސް ވަންދެން އޭނާ ޖަލުގައި ހުއްޓެވެ. ކަފާލާތުގެ ދަށުން މިދިޔަ އަހަރު ޖެނުއަރީ މަހު މެންޑީ ޖަލުން ދޫކޮށްލައި، އެންމެ ފުރަތަމަ އަޑު އެހުމަށް ގެންދިޔައީ މިދިޔަ މަހުގެ އޮގަސްޓް މަހުގައެވެ. މެންޑީގެ މައްސަލައިގައި ކޯޓުން ގޮތެއް ނިންމީ މިއަހަރު ޖެނުއަރީ މަހުގައެވެ.

މެންޑީ، މިހާރު ކުޅެމުންދަނީ ފްރާންސް ލީގުގެ ލޮރިއެންޓަށެވެ.