އައިލެންޑް އޭވިއޭޝަންގެ ޑިރެކްޓާ އޮފް ފްލައިޓް އޮޕަރޭޝަންސްގެ މަގާމުގައި ހުންނެވި މުހައްމަދު އަމީން (މިހާރުގެ ޓްރާންސްޕޯޓް މިނިސްޓަރު) 2019 ވަނަ އަހަރު މަގާމުން ވަކިކުރުމާ ގުޅިގެން އޭނާއަށް ބަދަލު ދޭން ސިވިލް ކޯޓުން ނިންމި ނިންމުން އައިލެންޑް އޭވިއޭޝަނުން ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގައި ކޯޓުން ބޭރުން މައްސަލަ ހައްލުކުރީ ކުރީ ސަރުކާރުން ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެއެވެ.

2019 ވަނަ އަހަރު އަމީން އެ މަގާމުން ވަކިކުރީ ވަޒީފާގެ އެއްބަސްވުމާ ހިލާފަށް ކަމަށާއި ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ އަނބުރާ ހަމަޖައްސައިދޭ ދުވަހާ ހަމަޔަށް ލިބެން ޖެހޭ މުސާރައާއި އިނާޔަތާއި އެލަވެންސް ދިނުމަށް ސިވިލް ކޯޓުން އައިލެންޑް އޭވިއޭޝަންގެ މައްޗަށް ހުކުމް ކުރީ މިދިޔަ އަހަރުގެ ޖޫން މަހުގައެވެ. ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން ދޭން ޖެހޭ އަދަދުގެ ގޮތުގައި އެ ކޯޓުން ހުކުމްކޮށްފައި ވަނީ 2،871،236.00 ރުފިޔާ އެވެ.

އެއަށް ފަހު އައިލެންޑް އޭވިއޭޝަނުން ވަނީ ހައި ކޯޓުގައި މައްސަލަ އިސްތިއުނާފު ކޮށްފައެވެ. ނަމަވެސް މިދިޔަ އާދިއްތަ ދުވަހު ކޯޓުން ވަނީ އެ މައްސަލަ ބާތިލުކޮށްފައެވެ. އިއްޔެ ކޯޓުން ނެރުނު ދައުވާ ބާތިލުކުރުމުގެ ރިޕޯޓުގައި ބުނީ އަމީނަށް 2.202،580.02 ރުފިޔާ ދައްކައި، އެ މައްސަލައިގައި ދެ ފަރާތުން ކޯޓުން ބޭރުން އެއްބަސްވުމަކަށް އައިސްފައިވާތީ އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދިއުމަށް މި މަހުގެ 16 ވަނަ ދުވަހު އައިލެންޑް އޭވިއޭޝަނުން އެދިފައިވާ ކަމަށެވެ.

މި ކަމާ ގުޅިގެން ސުވާލު ދެންނެވުމުން، މިނިސްޓަރު އަމީން "ވަން" އަށް މިއަދު ވިދާޅުވީ އެ މައްސަލަ ކޯޓުން ބޭރުން ހައްލުކުރަން ހުރިހާ މަޝްވަރާއެއް ކުރީ ކުރީގެ ސަރުކާރުން ކަމަށެވެ. އަދި އައިލޭންޑް އޭވިއޭޝަންގެ ބޯޑުން މަޝްވަރާކޮށް، ކޯޓުން ބޭރުން މައްސަލަ ހައްލުކޮށް ފައިސާ ޖަމާކުރީވެސް ނިމިދިޔަ ސަރުކާރުގައި ކަމަށެވެ.

"އެ ހުރިހާ ކަމެއްގައި އަޅުގަނޑާ މަޝްވަރާކޮށް، އޮފާ ހުށަހެޅީވެސް ކުރީގެ ސަރުކާރުން، މި ހުރިހާ ކަމެއްވެސް ނިމިގެން ދިޔައީ މި ސަރުކާރު ހަވާލުވުމުގެ ކުރިން. އެހެންވީމަ މި ސަރުކާރުން ކުރިކަމެއް ގޮތަށް، އަޅުގަނޑާއި ސަރުކާރު ބަދުނާމުވާ ގޮތަށް ވާހަކަދެއްކުމަކީ ވަރަށް ދެރަ ކަމެއް." މިނިސްޓަރު އަމީން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެއްބަސްވި އަދަދު ކަމަށްވާ 2.2 މިލިއަން ރުފިޔާއަކީ، ކޯޓުން ކޮށްފައިވާ ހުކުމަށް ބަލާއިރު މާ ބޮޑަށް ވެސް ކުޑަ އަދަދެއް ކަމަށާއި އެހެން ނަމަވެސް އެ އަދަދަށް އެއްބަސްވެވަޑައިގަތީ، އެއީ އައިލެެންޑް އޭވިއޭޝަންގެ ކޭޝްފްލޯއަށް ބަލައި އެ މީހުން ހުށަހެޅި އަދަދަކަށް ވާތީ ކަމަށެވެ. އަދި ކޯޓުން ބޭރުން އެ ނިންމުން ނިންމަން ޖެހުނީ، ހައި ކޯޓުގައި މައްސަލަ ނުނިމި ގިނަ ދުވަސްވެގެންދާއިރު، އައިލެންޑް އޭވިއޭޝަނުން ދައްކާން ޖެހޭނެ ފައިސާގެ އަދަދު ކޮންމެ މަހަކު އިތުރުވަމުން ދާތީ ކަމަށް ވެސް ވިދަޅުވިއެވެ.