މިފްކޯއިން މަސްކިރާ އާ ބޯޓެއް ގެނެސްފިއެވެ.
މިފްކޯއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، މިއީ އެ ކުންފުނީގެ ފްލީޓަށް އިތުރުކުރާ 3 ބޯޓުގެ ތެރެއިން ފުރަތަމަ ބޯޓު ކަމަށެވެ. "ޖަޒީރާ 106"ގެ ނަމުން ނަން ދީފައިވާ އެ ބޯޓު، ރޭ 10 ޖެހިއިރު މާލެއަށް ބަނދަރުކޮށްފައިވާ ކަމަށް ބުންނެވެ.
މި މަހުގެ 4 ވަނަ ދުވަހުން ފެށިގެން ދަތުރު ފަށައިގެން އެ ބޯޓު ގެނައީ ތައިލެންޑުންނެވެ. މިފްކޯއިން ބުނީ އެ ބޯޓަކީ ދުވާލަކު 60 ޓަނުގެ ބްރައިން ފްރީޒްކުރުމުގެ ގާބިލުކަމާއި 200 ޓަނު މަސް ރައްކާ ކުރުމުގެ ގާބިލުކަން ހުރި ބޯޓެއް ކަމަށެވެ. އަދި އެ ބޯޓު އެ ކުންފުނީގެ ފްލީޓާ ގުޅުމުން ދުވާލަކު އިތުރު 180 ޓަނު މަސް ގަތުމުގެ ގާބިލުކަން ލިބިގެންދާނެ ކަމަށް ބުންޏެވެ.
އޭގެ އިތުރުން، ފްލީޓަށް ދެން އިތުރުކުރާނެ ދެ ބޯޓަކީވެސް ރޭ ގެނައި ބޯޓުގެ ކެޕޭސިޓީގެ ދެ ބޯޓު ކަމަށާއި، މި އަހަރު ނިމުމުގެ ކުރިން އެ ދެ ބޯޓު ރާއްޖެ ގެންނާނެ ކަމަށް މިފްކޯއިން ބުންޏެވެ.
މަސްވެރިން ބާނާ ބަސް ކިރުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުން މި އަހަރު މިފްކޯއިން 4 ބޯޓެއް ގަނެފައިވާއިރު، މިދިޔަ މާޗް މަހު އޭގެ 1 ބޯޓު ރާއްޖެ ގެނެސްފައި ވެއެވެ. މި އަހަރު މިފްކޯގެ ފްލީޓަށް އިތުރުކުރާ 4 ބޯޓުން ދުވާލަކު 300 ޓަނުގެ މަސް ފްރީޒްކުރުމުގެ ގާބިލުކަން ލިބިގެންދާނެ ކަމަށް މިފްކޯއިން ބުންޏެވެ. މި ބޯޓުތައް ފްލީޓާ ގުޅުމުން، ރާއްޖޭގެ ދެކުނާއި މެދު ރާއްޖެތެރޭގައި މަސްވެރިކަން ރަނގަޅުވާ ދުވަސްވަރު ދިމާވާ ދަތިތަކަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ބުންޏެެވެ.
ޚަބަރު
ޚަބަރު
ޚަބަރު