އއ. ރަސްދޫ ބަނދަރުގެ މަަސައްކަތުގެ 72 ޕަސެންޓް ނިމިއްޖެއެވެ.
މި މަޝްރޫއު ކުރިއަށްގެންދާ އެމްޓީސީސީން މިއަދު ބުނީ، ރަސްދޫ ބަނދަރުގެ ބޭރުތޮށި ލުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގާ އެތުރުމުގެ މަަސައްކަތުގެ 72 ޕަސެންޓް ނިމިފައިވާމަށެވެ. ހަމަމިއާއިއެކު އެ ރަށުގެ ބަނދަރުގެ އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތަކުގެ 44 ޕަސެންޓް ވެސް ނިމިފައިވާކަމަށެވެ.
މި މަޝްރޫއުގެ ދަށުން، 106,552 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ބިން ހިއްކުމާއި، 106 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 1,656 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި 177 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 244 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި، 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމަށްވެސް ހަމަޖެހިފައިވަކަމަށް އެމްޓީސީސީން ބުންޏެވެ.
މީގެއިތުރުން ރަސްދޫ ބަނދަރުގެ 43 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުމާއި، 20 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުމާއި، 795 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތެ ހިމެނޭ ކަމުގައި އެކުންފުނިން ބުންޏެވެ.
މި މަޝްރޫއަކީ 80.4 މިލިއަން ރުފިޔާގެ މަޝްރޫއެކެެވެ. ޕްލޭނިން މިނިސްޓްރީން މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ މި އަހަރުގެ ޖެނުއަރީގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު