ދިރާގު އިންވިޓޭޝަނަލް ޓެނިސް ޗެމްޕިއަންޝިޕް 2023 ބޭއްވުމަށްޓަކައި ދިރާގާއި ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އެކުގައި ސޮއިކޮށްފިއެވެ.

މިމަހު 21 އިން 25 ނޮވެންބަރުގެ ނިޔަލަށް ގައުމީ ޓެނިސް ސެންޓަރުގައި ކުރިއަށް ގެންދަން ހަމަޖައްސާފައިވާ މުބާރާތުގައި ރާއްޖޭގެ ޕްރައިމަރީ ސްކޫލްތަކުން 100 އަށްވުރެ ގިނަ ކުޅުންތެރިންގެ އިތުރުން ބަންގްލަދޭޝް، އިންޑިއާ، ސްރީލަންކާ އަދި ތައިލެންޑުންވެސް އެތުލީޓުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

އިއްޔެ އެއްބަސްވުމުގައި ސޮއިކޮށް ދިރާގުގެ ޑިރެކްޓަ، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ ޓެނިސް އެސޯސިއޭޝަނާއެކު ބާއްވާ މުބާރާތަށް އެއްބާރުލުން ދެވުމަކީ އުފަލެއް ކަމަށާއި، މުބާރާތުގެ ސަބަބުން ދިވެހި އެތުލީޓުންނަށް ފަހި ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށެވެ.

"ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ގުޅިގެން މިފަދަ މުބާރާތެއް ރާއްޖޭގައި ބޭއްވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މިއީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާ ތަރައްގީކުރުމަށާއި އެތުލީޓުންގެ ހުނަރުވެރިކަން ކުރިއެރުވޭނެ މާހައުލެއް ގާއިމު ކުރުމަށް ދިރާގުން ކުރަމުން އަންނަ މަސައްކަތުގެ ވަރަށް މުހިންމު ބައެއް. އެގޮތުން މި މުބާރާތުގެ ސަބަބުން ދިވެހި އެތުލީޓުން ބާރުވެރިކުރުވައި، ބައިނަލްއަގްވާމީ މައިދާނުތަކުގައި އެ ކުޅުންތެރިންގެ ހުނަރު ދައްކާލެވޭ ފަދަ ޕްލެޓްފޯމެއް ގާއިމު ވެގެންދާނެކަންވެސް ޔަގީން،" ދިރާގުގެ ޑިރެކްޓާ، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މިރްޝާން ވިދާޅުވިއެވެ.

ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޑިވެލޮޕްމެންޓް ޑިރެކްޓާ، އިގްނާޒް މަންސޫރު ވިދާޅުވީ ބައިނަލްއަގުވާމީ މުބާރާތެއް ރާއްޖޭގައި ބޭއްވުމަށް ދިރާގުން އެއްބާރުލުން ދިނުމަކީ އުފާކުރާ ކަމެއް ކަމަށެވެ.

"ދިވެހި ޓެނިސްގައި ފާހަގަކޮށްލެވޭ މި އިވެންޓް ރާއްޖޭގައި ބޭއްވުމަށް ދިރާގުން ވެދެއްވި ދީލަތި އެހީތެރިކަމާއި އެއްބާރުލުމަށް އެކުންފުންޏަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން. މި މުބާރާތަކީ ދިވެހި އެތުލީޓުންނަށް އެފަރާތްތަކުގެ ހުނަރު އިތުރަށް ކުރިއަރުވައި، ސަރަހައްދީ ކުޅުންތެރިންނާއި ވާދަކުރުމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް. އެހެންކަމުން މިކަން މަގުފަހިކޮށްދިނުމަށް ދިރާގުން ދެމުންގެންދާ އެއްބާރުލުމަށް އަދިވެސް އެއް ފަހަރު ޝުކުރު ދަންނަވަން،" އިގްނާޒް ވިދާޅުވިއެވެ.

ދިރާގަކީ ރާއްޖޭގެ ކުޅިވަރާ ވަރަށް ގާތުން މަސައްކަތް ކުރާ، އަބަދުވެސް ކުޅިވަރުގެ އެކި ދާއިރާތަކަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކުންފުންޏެކެވެ.