މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ރީބްރޭންޑު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވާ ކަމެއް ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.

ފައިސަލް އެހެން ވިދާޅުވީ މިއަދު ވިޒިޓާ އިކޮނޮމިކް ކައުންސިލުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. ފައިސަލް ވިދާޅުވީ އެމްއެމްޕީއަރްސީއަށް މެނޭޖިން ޑައިރެކްޓަރަކު އައްޔަނު ކުރެވުނުހާ އަވަހަކަށް އެ މަސައްކަތް ފަށައިގަނެ ވަރަށް ބާރަށް ކުރިޔަށް ގެންދަވާނެ ކަމަށެވެ.

އެގޮތުން، ހަމައެކަނި މިހާރު ހުރި މާކެޓުތަކަށް ފޯކަސް ކުރުމުގެ ބަދަލުގައި އިތުރު މާކެޓުތައް ހޯއްދަވަން މަސައްކަތް ކުރައްވާނެ ކަމަށާއި ރާއްޖެ އަންނަ ފަތުރުވެރީންގެ އަދަދު އިތުރު ކުރެވޭނީ އޭރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓު ކުރުމުގެ މަސައްކަތް އަދިވެސް ކުރާނީ އެމްއެމްޕީއާރްސީން ކަމަށް ވިދާޅުވި ނަމަވެސް އެމްއެމްޕީއާރްސީ ރީބްރޭންޑު ކުރަން ކުރާ އިތުރު މަސައްކަތްތަކުގެ ތަފްސީލު މިނިސްޓަރު އާއްމެއް ނުކުރައްވައެވެ.

ވިޒިޓާ އިކޮނޮމިކް ކައުންސިލަކީ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާކޮށް ކުރިއެރުވުމަށް ރައީސް ޑރ. މުއިއްޒު އަލަށް އުފެއްދެވި ކައުންސިލެކެވެ. ރާއްޖޭގައި މިހާރު ކުރަމުން އަންނަ ލެއިޝާ ފަތުރުވެރިކަމުގެ އިތުރުން ސިއްހަތާ ބެހޭ ފަތުރުވެރިކަމާއި ތައުލީމާ ބެހޭ ފަތުރުވެރިކަމާއި ދަތުރުފަތުރުގެ ފަތުރުވެރިކަން ފަދަ އެކި ބާވަތްތަކުގެ ފަތުރުވެރިކަން އިތުރަށް ފުޅާކޮށް ކުރިއެރުވުމަށް އެ ކައުންސިލުން މަސައްކަތްތަކެއް ކުރަމުންގެންދާނެ ކަމަށް ރައީސް އޮފީހުގައި އިއްޔެ ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ޕަބްލިކް ޕޮލިސީ އަންޑަ ސެކްރެޓަރީ މުހައްމަދު ފިރުޒުލް ވިދާޅުވިއެވެ.