ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ އާދަމްގެ މަގާމުގެ ދަރަޖަ ދަށްކޮށްފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބުނެފިއެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މައްސަލައެއްގައި ކަމަ ބެހޭ މައުލޫމަތު ސާފު ނުކޮށް، އެކަށީގެންވާ މިންވަރަށް ދިރާސާކޮށްފައި ނުވާތީ، މެޖިސްޓްރޭޓް އަލީ އާދަމް މައްސަލަ ބެލުމުގައި ފަރުވާކުޑަކޮށްފައިވާކަން ސާބިތުވާ ކަމަށެވެ.

އެގޮތުން، ރާއްޖޭގެ ގާނޫނުއަސާސީގެ 2 މާއްދާއާއި ގެވެށި އަނިޔާއާ ހުއްޓުވުމުގެ ގާނޫނާއި ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ އަލީ އާދަމް ހިލާފުވެފައިވާތީ ޖޭއެސްސީގެ ގާނޫނުގެ ދަށުން އޭނާގެ މަގާމުގެ ދަރަޖަ ދަށްކުރުމަށް ފެންނަ ކަމަށް ރޭ ބޭއްވި އެ ކޮމިޝަނުގެ 76 ވަނަ ޖަލްސާގައި ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.

ޖޭއެސްސީން ބުނީ ދަރަޖަ ދަށްކުރުމާއެކު އަލީ އާދަމް މިއަދުން ފެށިގެން ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްގެ މަގާމަށް ބަދަލުކޮށްފައިވާކަމަށެވެ.

މީގެ ކުރިންވެސް އަލީ އާދަމްގެ ސުލޫކީ މައްސަލައަކާ ގުޅިގެން އޭނާ ވަކިކުރުމަށް ދެ ފަހަރެއްގެ މަތިން މަޖިލީހަށް ލަފާދީފައި ވެއެވެ. އެފަހަރު ބެލީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވާން އެދި ހުށަހެޅި މީހަކަށް ގުޅައި، މެސެޖުކޮށް، ޝަރީއަތުގެ ބޭރުން އެކި ވާހަކަތައް ދެއްކި މައްސަލައެކެވެ. އެ މެސެޖުތަކަށް ބަލާއިރު، އަލީ އާދަމް މަސައްކަތް ކޮށްފައި ވަނީ ނުނިޔަތެއްގައި ނުބައި މަގުސަދެއް އޮވެގެން ކަންވެސް ސާބިތުވާ ކަމަށް ޖޭއެސްސީން ބުނެފައި ވެއެވެ.