މި މަހުގެ ކުރީކޮޅު ހދ. ކުޅުދުއްފުށިން ގެއްލުނު މީހާ ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަމުން ދިޔަ އިބްރާހީމް އަބްދުﷲ، މިދިޔަ ބުރާސްފަތި ދުވަހު އޭނާގެ އާއިލާއަށް ގުޅައި ހަބަރުވެފައިވާ ކަމަށެވެ. އޭނާގެ ހާލު ރަނގަޅު ކަމަށާއި އޭނާ ހުރީ މާލޭގައި ކަމަށް އާއިލާއަށް އެނގުމުން، އާއިލާއިން އެކަން ފުލުހުންނަށް އަންގާފައިވާ ކަމަށް ބުންޏެވެ.

އެނާ ގެއްލިގެން ހޯދަމުން ދިޔައީ މި މަހުގެ 3 ވަނަ ދުވަހުން ފެށިގެން އޭނާގެ ހަބަރެއް ނުވާތީއެވެ. ގެއްލިގެން ރިޕޯޓުކުރި ފަހުން، އެ ރަށުން މާލެ ދަތުރުކުރި ބޯޓެއްގައި އެނާ އިން ކަމަށް ބައެއް މީހުން އާއިލާއަށް އަންގާފައިވާ ނަމަވެސް، ފަހުން އޭނާގެ ހަބަރެއް ނުވާ ކަމަށް "ވަން" އަށް މައުލޫމާތު ދިން އޭނާގެ އާއިލާގެ މީހަކު މީގެ ކުރިން ބުންޏެވެ.

39 އަހަރުގެ އިބްރާހީމް ފެނިފައި ވަނީ އޭނާ ހޯދަމުން ދާތާ 3 ހަފުތާ ފަހުންނެވެ.