ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް

ޒެމްބިއާ މުބާރާތުގެ ސެމީގައި ކުޅެ އަޖުފާނާއި ނިބާލް ޑަބަލްސް މެޑަލް ހޯދައިފި

ޒެމްބިއާގައި ލުސާކާގައި ކުރިއަށްދާ ޒެމްބިއާ އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީސްގެ ޑަބަލްސް އިވެންޓްގެ ސެމީ ފައިނަލުގައި ކުޅެ، ރާއްޖޭގެ މުހައްމަދު އަޖުފާން ރަޝީދާއި ނިބާލް އަހުމަދު ބްރޯންޒް މެޑަލް ހޯދައިފިއެވެ.

ޒެމްބިއާގެ މުބާރާތް މިމަހުގެ 11 އިން މިއަދުގެ ނިޔަލަށް ކުރިއަށް ގެންގޮސްފައިވާ އިރު، މުބާރާތުގައި ރާއްޖެއިން ވާދަކުރަނީ އަޖުފާނާއި ނިބާލް އެކަންޏެވެ. އެ ދެކުޅުންތެރިން ވަނީ ސިންގަލްސް އާއި ޑަބަލްސް އިވެންޓްގައި ވާދަކޮށްފައެވެ.

ޑަބަލްސް އިވެންޓްގެ ސެމީ ފައިނަލަށް ނިބާލާއި އަޖުފާން ދިޔައީ ކުއާޓާ ފައިނަލުގައި ޒެމްބިއާގެ ޕެއާއެއް ކަމަށް ޓަކޮންޑްވާ ޖުބްވޫ އާއި ޕީޓާ ޕޮހޯގެ ޕެއާ ދެ ސެޓުން ބަލިކޮށްގެންނެވެ. މެޗުގެ ސެޓުތައް ދިޔައީ 21-10، 21-08 އިންނެވެ.

ނިބާލާއި އަޖުފާން ސެމީގައި ޖެހުނީ މެލޭޝިއާގެ ޗޮކް ކެން ވެއި އާއި އެންޑީ ޔޫ ޓޮންގެ ޕެއާއާއެވެ. ވަރުގަދަ ޕެއާ އަތުން ސީދާ ދެސެޓުން ރާއްޖޭގެ ޕެއާ ބަލިވި އިރު، ސެޓުތައް ދިޔައީ 11-21 އަދި 14-21 އިންނެވެ.

މުބާރާތުގެ ސިންގަލްސް ބައިގައި ނިބާލާއި އަޖުފާން ވާދަކުރީ މެއިން ޑްރޯގައެވެ. ސިންގަލްސް އިން ނިބާލް ކެޓީ ތައިލެންޑުގެ ރަޗަޕޯލް ސްރިތޮން އަތުން ދެ ސެޓުން ބަލިވުމުންނެވެ. ރަނގަޅު ކުޅުމެއް ނިބާލް ދެއްކި މި މެޗުގެ ސެޓުތައް އޭނާއަށް ގެއްލުނީ 21-17 އަދި 21-16 އިންނެވެ.

އަޖުފާން ސިންގަލްސްގައި ކެޓީ ދެވަނަ ބުރުގައި އެމެރިކާގެ އާރޮން ބައި އަތުންނެވެ. މެޗުގެ ފުރަތަމަ ސެޓު ވާދަވެރި ކުޅުމަކަށްފަހު 21-19 އިން އެމެރިކާ ކުޅުންތެރިޔާ ކާމިޔާބުކުރިއިރު، ދެ ވަނަ ސެޓު ގެންދިޔައީ 21-5 އިންނެނެވެ.