ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އޯޕަން ބައިގެ އަންހެން ސިންގަލްސް ތަށި ހޯދި ފާތިމަތު ނަބާހާ އަބްދުއް ރައްޒާގުގެ އެންމެ ބޮޑު ފޯކަސްއެއް ހުރީ ރާއްޖެއަށް އިތުރު މެޑަލްތައް ހޯދައިދޭން ކަމަށް އޭނާ ބުނެފިއެވެ.
މިފަހަރުގެ އެސޯސިއޭޝަން ކަޕް، 213 ކުޅުންތެރިންނާއެކު މިމަހުގެ ހަވަނަ ދުވަހު ފަށާފައިވާ އިރު، މިއީ 2023 ވަނަ އަހަރު ފަހުން މުބާރާތް ކުރިއަށްދިޔަ ފުރަތަމަ ފަހަރެވެ. އޭގެފަހުން ބެޑްމިންޓަން ހިންގުމުގެ މައްސަލަގަނޑެއްގައި ދެ އަހަރެއްހާ ދުވަސްވެގެން ގޮސްފައިވާ އިރު، މިފަހަރު މުބާރާތަކީ އާ އެކްސްކޯއިން ހަވާލުވެ ބޭއްވި މުބާރާތެކެވެ. މިދިޔަ އަހަރު ތެރޭގައި ރާއްޖޭގެ ބެޑްމިންޓަނަށް ބީޑަބްލިއުއެފްއިން ސަސްޕެންޝަނެއްވެސް އައިސްފައިވާ އިރު، މިހާރު ވަނީ މައްސަލަ ހައްލުވެފައެވެ.
ރިވައިވަލް ސްޕޯޓްސްއަށް ކުޅެމުންދާ ނަބާހާ މިފަހަރުގެ މުބާރާތުގެ ސިންގަލްސްގެ އިތުރުން އަންހެން ޑަބަލްސްގެ ރަން މެޑަލްވެސް ހޯދިއެވެ. ނަބާހާގެ އަންހެން ޑަބަލްސް ޕެއާއަކީ އައިމިނަތު ނަބީހާއެވެ. ނަބާހާއި ޒަޔާން ޝަހީދު ޒަކީ މިކްސް ޑަބަލްސް ފައިނަލުގައި ވާދަކުރި ނަމަވެސް، މިފަހަރު އެ އިވެންޓް ކާމިޔާބުކުރީ ނިބާލް އަހުމަދާއި ނަބީހާގެ ޕެއާއިންނެވެ.
"ތިން އަހަރުވަރުވެފައި ރާއްޖޭގައި މުބާރާތެއް މިބޭއްވީ. އެހެންވެ އަސްލު ވަރަށް ހިތްހަމަ ޖެހޭ އަންހެން ސިންގަލްސް އަދި ޑަބަލްސް ޗެމްޕިއަންކަން ލިބުނީމަ. ދެން ތިން ރަން މެޑަލް ހޯދަން ނުކުތީ، އެކަމަކު ނިބާލް އަދި ނަބީގެ ޕެއާއިން މިކްސް ޑަބަލްސް ޗެމްޕިއަންކަން ހޯދީ. އެކަމަކުވެސް ހަމަ ވަރަށް ހެޕީ،" ނަބާހާ "ވަން ސްޕޯޓްސް"އަށް ބުންޏެވެ.
ނަބާހާ ބުނީ މިހާރު ބޮޑު ފޯކަސްއެއް ހުރީ ބައިނަލްއަގުވާމީ މުބާރާތްތަކަށާއި، ކުރިއަށް އޮތް ޔޫރަޕް ޓުއާއަށް މަސައްކަތްކޮށް މެޑަލް ހޯދުމުގެ އަމާޒެއް އެބައޮތް ކަމަށެވެ.
"މިހާރު ނަބާ ބޮޑަށް މި ފޯކަސް ކުރަނީ އިންޓަނޭޝަނަލް މުބާރާތްތަކަށް ރެޑީވުމަށް. ކުރިއަށް އޮތްތަނުގައި އިންޓަނޭޝަނަލް މުބާރާތްތަކަށް ވިސްނާއިރު ޖޫން މަސް ތެރޭގައިވެސް ޔޫރަޕް ޓުއާއަކަށް އެބަދަން މި ޓީމުން އެއްކޮށް. އެހެންވީމަ އޭގެން މެޑަލްއަކަށް މިހާރުވެސް މި ފޯކަސް ކުރަނީ،" އޭނާ ބުންޏެވެ.
މުޙައްމަދު ޝަމްޢޫން
ބެޑްމިންޓަން
ބެޑްމިންޓަން
ބެޑްމިންޓަން
ބެޑްމިންޓަން