ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އޯޕަން ބައިގެ ސިންގަލްސް ޗެމްޕިއަންކަން ހޯދި ހުސައިން ޒަޔާން ޝަހީދު ޒަކީ، އޭނާގެ ކާމިޔާބީ އާއިލާއަށް ހާއްސަކޮށްފިއެވެ.
ކުޅިވަރު އެކުވެނީގެ އިންޑޯ ކޯޓުގައި ކުރިއަށްދިޔަ ފިރިހެން ސިންގަލްސް ފައިނަލުގައި ޒަޔާން މިއަދު ނުކުތީ ނިބާލް އަހުމަދާ ދެކޮޅަށެވެ. އެމެޗު ފެނިގެންދިޔައީ ވާދަވެރިކޮށެވެ. ފުރަތަމަ ސެޓު ޒަޔާން 15-11 އިން ގެންގޮސްފައިވާ އިރު، ދެވަނަ ސެޓުގައި ނިބާލް ވަނީ 9-15 އިން ޒަޔާންގެ މައްޗަށް ކުރި ހޯދައިފައެވެ.
ޒަޔާން މެޗަށްފަހު "ވަން ސްޕޯޓްސް"އަށް ބުނީ އަނެއްކާވެސް ރާއްޖޭގެ ލޯކަލް މުބާރާތްތައް ބާއްވަން ފެށުމަކީ ކުޅުންތެރިންނަށް ހިތްވަރަކަށް ވާނެ ކަމެއް ކަމަށާއި، ތަށްޓަކީ ހިތްހަމަ ޖެހޭ ކާމިޔާބީއެއް ކަމަށެވެ.
"ވަރަށް ގިނަ ދުވަސްވެފައި މިލިބުނީ ރާއްޖޭގައި މުބާރާތެއް ކުޅެލަން. ދެން މި މުބާރާތުގައި ކުޅެ، ތަށި ހޯދުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް. އަދި ނިބާލާ ދެކޮޅަށް ސިންގަލްސް ފައިނަލުގައި ވަރަށް ރަނގަޅު މެޗެއް ކުޅެލަން ލިބުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް. ދެން ވަރަށް ބޮޑު ކުރިއެރުމެއް އެސޯސިއޭޝަނުން އަނެއްކާވެސް އެންޑޯސްކޮށްގެން މުބާރާތްތައް ބާއްވަން ފެށުމަކީ. ކުޅުންތެރިން ލުކް ފޯވަޑް ކުރަން ލިބުނު ވަރަށް ބޮޑު ފުރުސަތެއް މިއީ. އެއީ ސީނިއާ ކުޅުންތެރިންނާއި ޖޫނިއާ ކުޅުންތެރިންނަށްވެސް ލިބޭ ހިތްވަރެއް ރޭންކިން ސިސްޓަމަކާއެކީގައި މުބާރާތްތައް ބޭއްވުމަކީ،" ޒަޔާން ބުންޏެވެ.
މިފަހަރުގެ އެސޯސިއޭޝަން ކަޕް، 213 ކުޅުންތެރިންނާއެކު މިމަހުގެ ހަވަނަ ދުވަހު ފަށާފައިވާ އިރު، މިއީ 2023 ވަނަ އަހަރު ފަހުން މުބާރާތް ކުރިއަށްދާ ފުރަތަމަ ފަހަރެވެ. އޭގެފަހުން ބެޑްމިންޓަން ހިންގުމުގެ މައްސަލަގަނޑެއްގައި ދެ އަހަރެއްހާ ދުވަސްވެގެން ގޮސްފައިވާ އިރު، މިފަހަރު މުބާރާތަކީ އާ އެކްސްކޯއިން ހަވާލުވެ ބާއްވަމުންދާ މުބާރާތެކެވެ. މިދިޔަ އަހަރު ތެރޭގައި ރާއްޖޭގެ ބެޑްމިންޓަނަށް ބީޑަބްލިއުއެފްއިން ސަސްޕެންޝަނެއްވެސް އައިސްފައިވާ އިރު، މިހާރު ވަނީ މައްސަލަ ހައްލުވެފައެވެ.
ޒަޔާން އިތުރަށް ބުނީ ކާމިޔާބީ ހާއްސަކުރާނީ މަންމައަށް ކަމަށެވެ.
"ލޯކަލް ޓޯނަމަަންޓްސްގައި މިހާރު ހަމައެކަނި މޯޓިވޭޝަނަކީ ހަމަ މަންމަ އަދި އާއިލާ އަށް އުފަލެއް ގެނެސްދިނުން. ޓާގެޓް ހުރީ ހަމަ ކުރިއަށް އޮތް ދެ ތިން އަހަރު އިންޝާﷲ އިންޓަނޭޝަނަލީ ގައުމަށް ރަން ވަނަތަކެއް ހޯދައިދިނުން ނޫނީ އަހަރެންގެ ހިއްސާ އޮވެގެން ހޯދައިދިނުން،" ޒަޔާން ފާހަގަކުރިއެވެ.
އަންނަ އަހަރު އައިއޯއައިޖީގެ ކުރިންވެސް ބީޑަބްލިޔުއެފް މުބާރާތްތަކުގައި ކާމިޔާބު ހޯދަން ޓާގެޓް ކުރާނެ ކަމަށްވެސް ރިވައިވަލް ސްޕޯޓްސްގެ އިސް ދައުރެއް އަދާކުރަމުންދާ ޒަޔާން ބުންޏެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ޓާގެޓް ކުރަނީ ބީޑަބްލިޔުއެފް މުބާރާތްތަކުގައި ކުރިން ހޯދާފައިވާ ކާމިޔާބީތައް އިތުރު ހަރުފަތަކަށް ގެންދަން. އެކަން ވަރަށް ރަނގަޅަށް މިދަނީވެސް. ތަމްރީނުތަކާއެކު އެކަމަށް ފޯކަސް ކޮށްގެން މަސައްކަތް މިކުރަނީވެސް. އުންމީދަކީ އަންނަ އަހަރުގެ އައިއޯއައިޖީއަށް ދިޔުމުގެ ކުރިން އިތުރު ކާމިޔާބީތަކާއެކު ކުރިއަށްދާން." އޭނާ ފާހަގަކުރިއެވެ.
މުޙައްމަދު ޝަމްޢޫން
ބެޑްމިންޓަން
ބެޑްމިންޓަން
ބެޑްމިންޓަން
ބެޑްމިންޓަން