ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އޯޕަން ބައިގެ ސިންގަލްސް ފާތިމަތު ނަބާހާ އަބްދުއް ރައްޒާގާއި ހުސައިން ޒަޔާން ޝަހީދު ޒަކީ ހޯދައިފިއެވެ.

މިފަހަރުގެ އެސޯސިއޭޝަން ކަޕް، 213 ކުޅުންތެރިންނާއެކު މިމަހުގެ ހަވަނަ ދުވަހު ފަށާފައިވާ އިރު، މިއީ 2023 ވަނަ އަހަރު ފަހުން މުބާރާތް ކުރިއަށްދާ ފުރަތަމަ ފަހަރެވެ. އޭގެފަހުން ބެޑްމިންޓަން ހިންގުމުގެ މައްސަލަގަނޑެއްގައި ދެ އަހަރެއްހާ ދުވަސްވެގެން ގޮސްފައިވާ އިރު، މިފަހަރު މުބާރާތަކީ އާ އެކްސްކޯއިން ހަވާލުވެ ބާއްވަމުންދާ މުބާރާތެކެވެ. މިދިޔަ އަހަރު ތެރޭގައި ރާއްޖޭގެ ބެޑްމިންޓަނަށް ބީޑަބްލިއުއެފްއިން ސަސްޕެންޝަނެއްވެސް އައިސްފައިވާ އިރު، މިހާރު ވަނީ މައްސަލަ ހައްލުވެފައެވެ.

މިފަހަރުގެ އެސޯސިއޭޝަން ކަޕްގައި 9 އަހަރުން ދަށް، 11 އަހަރުން ދަށް، 13 އަހަރުން ދަށް، 15 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ އުމުރުފުރާގެ އިތުރުން، އޯޕަން ކެޓަގަރީ ކުރިއަށް ގެންގޮސްފައިވާ އިރު، މިއަދު ހަވީރު އޮތީ އޯޕަން ފައިނަލްތަކެވެ.

ކުޅިވަރު އެކުވެނީގެ އިންޑޯ ކޯޓުގައި ކުރިއަށްދިޔަ ފިރިހެން ސިންގަލްސް ފައިނަލުގައި ޒަޔާން ނުކުތީ ނިބާލް އަހުމަދާ ދެކޮޅަށެވެ. އެމެޗު ފެނިގެންދިޔައީ ވާދަވެރިކޮށެވެ. ފުރަތަމަ ސެޓު ޒަޔާން 15-11 އިން ގެންގޮސްފައިވާ އިރު، ދެވަނަ ސެޓުގައި ނިބާލް ވަނީ 9-15 އިން ޒަޔާންގެ މައްޗަށް ކުރި ހޯދައިފައެވެ.

ތިންވަނަ ސެޓަކަށް ގޮސް، މެޗުގެ ފަހު ވަގުތުކޮޅު ފެނުނީ ނޭވާ ހިފަހައްޓާލަން ޖެހުނު ކަހަލަ ގޮތަކަށެވެ. ދެކުޅުންތެރިންގެ ފަރާތުންވެސް ވަރުބަލިކަން ފެނިގެން ގޮސްފައިވާ އިރު، ވާދަވެރިކޮށް ސެޓު ގެންދިޔައީ ޒަޔާނެވެ. އެއީ 17-15 އިންނެވެ.

ޒަޔާން މިއަދުގެ މެޗުގައި ޕޮއިންޓަކަށްފަހު އުފާފާޅުކުރަނީ --- ފޮޓޯ/ ބީއޭއެމް

އަންހެން ސިންގަލްސް ފައިނަލުގައި ނަބާހާ ނުކުތީ އައިމިނަތު ނަބީހާއާ ދެކޮޅަށެވެ. އެމެޗު ނަބާހާ ގެންދިޔައީ ދެ ސެޓުންނެވެ. އެއީ 15-8 އަދި 18-16 އިންނެވެ. ފަހު ސެޓު ދިޔައީ ވާދަވެރިކޮށެވެ.

މިއަދު އިތުރު ފައިނަލްތައްވެސް ކުރިއަށް ގޮސްފައިވާ އިރު، އަންހެން ޑަބަލްސް ތަށި ނެގީ ނަބާހާއާއި ނަބީހާގެ ޕެއާއެވެ. އެއީ އައިމިނަތު ނަސީމާއާއި ބުސައިނާ އަހުމަދު ރިޒާގެ ޕެއާ ކައިރިން 15-2 އަދި 15-7 އިން ސެޓުތައް ގެންގޮސްގެންނެވެ.

ފިރިހެން ޑަބަލްސް މެޗުގެ ފުރަތަމަ ކޮޅުގައި ނިބާލަށް އަނިޔާވެ، ޒަޔާނާއި ނިބާލްގެ ޕެއާއިން މެޗު ދޫކޮށްލުމުން ތަށި ލިބުނީ އަހުމަދު ތޯއިފާއި ރިއާޒް މުހައްމަދު ޕެއާއަށެވެ.