ދެން ފެންނާނީ ލޯކަލް ކައުންސިލުތައް ބާރު ސްޕީޑުގައި ހިނގާތަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާފަންނު ގަޑިބުރު ޒަމާނީ ބަދަލުތަކާއެކު ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ގަޑިބުރު ހުޅުއްވައިދެއްވައި ރައީސް ވިދާޅުވީ، ކައުންސިލްތައް ބާރުވެރިކުރުވުމަކީ އެމަނިކުފާނުގެ ސަރުކާރުގެ މައިގަނޑު އެއް ވިސްނުން ކަމަށެވެ.

"އަޅުގަނޑަށް ކަންދިމާވެފައި ހުރި ގޮތުން ލާމަރުކަޒީ ނިޒާމުގެ ދެ ފަރާތުގައި މަސައްކަތްކުރަން ޖެހުނީމާ ކައުންސިލްތައް ނުހިނގަނީ، ކިހިނެއްވަނީކަން ސާފުވެފައި އޮތީމައި އަޅުގަނޑުމެން ކައުންސިލްތައް ބާރުވެރިކުރުމަށްޓަކައި ހާއްސަ ވުޒާރާއެއް މި އުފެއްދީ. ދެން ފެނިގެންދާނީ އިރާދަކުރެއްވިއްޔާ ކައުންސިލްތައް ރައްޔިތުން އެދޭ ގޮތަށް ބާރު ސްޕީޑުގައި ސަރުކާރުގެ އެއްބާރުލުމާއެކު ހިނގާތަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މާލޭގެ މޭޔަރުކަމުގައި އެމަނިކުފާނު ހުންނެވި އިރު، ސަރުކާރުން ހުއްދަ ނުދީ ހުރި ހުރިހާ މަޝްރޫއެއްވެސް ބާރު ސްޕީޑުގައި ކުރިއަށްދާނެ ކަމަށެވެ. އެގޮތުން ޕާކިން ބިލްޑިންތައް ހެދުމަށް މާލެ ސިޓީ ކައުންސިލުން ހަދާފައިވާ އެއްބަސްވުންތަކާ އެއްގޮތަށް އެކަން ކުރުމުގެ ފުރުސަތު ސަރުކާރުން ދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އޭގެ ސަބަބުން މާލޭގެ އެކި ސަރަހައްދުތަކުގައި މަލްޓި ޕާޕަސް، ނުވަތަ އެކިއެކި ބޭނުންތައް ހިފޭ ފަދަ ޕާކިން އިމާރާތްތައް އެޅިގެންދާނެ. އޭރުން މަގުތަކުގައި މިހާރު މި ޖެހިފައި އޮތް ތޮއްޖެހުމަށް ލުއިތަކެއް އަންނާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، މާލޭގެ މަގުތައް ހެދުމަށް ބަޖެޓުންވެސް ފުރުސަތު ހޯދާފައިވާނެ ކަމަށާއި ނަމަވެސް އެއީ ބޮޑު މަޝްރޫއެއް ކަމަށްވާތީ ބޭރުގެ އެހީވެސް އެކަމަށް ހޯދާނެ ކަމަށެވެ.