ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ވަކި އެއް ގައުމެއްގެ އަސްކަރީ އެހީތެރިކަން ބޭނުންފުޅު ނުވާ ކަމަށް އިންތިހާބީ ރައީސް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އިންތިހާބީ ރައީސް މިހެން ވިދާޅުވީ ޗެނަލް ނިއުސް އޭޝިއާ އަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައި ނޫސްވެރިޔާ ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ނޫސްވެރިޔާ ކުރި ސުވާލަކީ ރާއްޖޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ވަކި ގައުމެއްގެ އެހީތެރިކަން ބޭނުން ނުވޭތޯ އެވެ.
މުއިއްޒު ވިދާޅުވީ، އެ ގޮތަށް ބޭނުންފުޅު ނުވާ ކަމަށާއި އެހެން ނަމަވެސް ރާއްޖޭގެ ކަންކަން ރަނގަޅު މަގުން ގެންދެވުމަށް ހުރިހާ ގައުމެއްގެ ވެސް އެހީތެރިކަމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"ރާއްޖޭގެ އަސްކަރިއްޔާވެސް، އިގްތިސޯދުވެސް އަދި އިންޑިއާ ކަނޑާއި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރާންވެސް ހުރިހާ ގައުމެއްގެ އެހީތެރިކަން އަޅުގަނޑުމެން ބޭނުން. އެންމެ ފައިދާ ހުރި ގޮތަކީވެސް މިއީ. ކުރިޔަށް ދިއުމަށް އަޅުގަނޑުމެން އިހުތިޔާރު ކުރާ ގޮތަކީވެސް މިއީ" ޑރ. މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު އިތުތަށް ވިދާޅުވީ، އިންޑިއާއަށްވެސް އަދި ސަރަހައްދީ އެހެން ގައުމުތަކުގެ ރައްކާތެރި ކަމަށް ބަލާއިރު ވެސް، އިންޑިއާ ކަނޑާއި ރާއްޖެ މި އޮތް ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ވަރަށް ބޮޑު ކަމަށެވެ.
އިންޑިއާއާ އޮންނަ ގާތް ގުޅުމާ ގުޅޭ ގޮތުން، ނޫސްވެރިޔާ ސުވާލު ކުރުމުން މުއިއްޒު ވަނީ، އަބަދުވެސް އެ މަނިކުފާނު ވިދާޅުވަމުން ގެންދަވާ ވާހަކަފުޅު ތަކުރާރު ކުރައްވައިފައެވެ. އެ ގޮތުން، އިންޑިއާ އާއި ރާއްޖެއާ ދެމެދު ޒަމާނުއްސުރެ އޮންނަ އެކުވެރި ރަހުމަތްތެރި ގުޅުން އަބަދުވެސް ދެމިއޮންނާނެ ކަމަށާއި އެކަމަށް ކުރިޔަށް ތަނުގައިވެސް އިސްކަން ދެއްވާނޭ ކަމަށް ވިދާޅުވި އެވެ.
"ދިވެހި ރައްޔިތުންގެ ނިންމުމަކީ ރާއްޖޭގައި ބޭރު ގައުމުތަކުގެ ސިފައިން ގާއިމުވެ ނުތިބުން. މިހާރުވެސް ރާއްޖޭގައި އެ ގޮތަށް ތިބި ސިފައިންގެ އަދަދު އަޅުގަނޑަކަށް ނޭނގެ. އިންތިގާލީ މަރުހަލާގައި ކުރި މަސައްކަތުންވެސް އެކަން ސާފެއް ނުވި. އިންޑިއާއާ ރާއްޖެއާ އޮންނަ ގުޅުމާ އެ ކަމާ މިއީ މުޅީން ތަފާތު ދެކަމެއް." މުއިއްޒު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު