މާލެއަށް އުފަން ފާތިމަތު އީރާ ޝަކީލު، 50އ، އަދިވެސް ބޭނުންވަނީ އިތުރު ކުދީންނަށް ފެހުމުގެ ހުނަރުދަސްކޮށްދޭށެވެ.

މަޝްރޫރު ނަމުންނަމަ "އީރާކަލެކްޝަން" ގެ އީރާ އަކީ ފެހުމުގެ ހުނަރު މިހާތަނަށް 8000 ވުރެއިން ގިނަ ކުދީންނަށް ދަސްކޮށްދީފައިވާ ފެހުމުގެ ހުނަރުން ފުރިފައިވާ، ދިވެހި ހެދުން ކުއްޔަށް ވެސް ދޫކުރާ ކަނބަލެކެވެ.

އީރާ "ވަން" އަށް ބުނީ އޭނަ ފެހުމުގެ ތެރެއަށް ވަނީ 1997 ވަނަ އަހަރު އެ ދުވަސްވަރު ގަލޮޅު އަވަށު އޮފީހުން ހިންގި ފަހާ ކޯހެއްގައި ބައިވެރިވެގެން ކަމަށެވެ. ކޯސް ފުރިހަމަ ކުރުމަށް ފަހު ފަހާ ތަންތަނުގައި މަސައްކަތް ކުރިއެވެ. އީރާގެ ފެހުމުގެ ހުނަރު ވައިގައި ހިފައި ގިނަ ކަސްޓަމަރުންގެ އެދުމުގެމަތީން، 2011 ވަނަ އަހަރު އެ މަސައްކަތް ފެށީ ގޭގެއަށް ގޮސް ފަހާކޯސްތައް ހިންގުމުގައެވެ.

އީރާ ފަހަން ދަސްކޮށްދިން ބައެއް ކުދީން ބުނީ އޭނާ ކިޔަވައިދޭ ކޯސްތަކުގައި، ވަރަށް ފަސޭހައިން ދަސްވާ ކަމަށެވެ. އަމަލީ ގިނަ ބައިތަކެއް ކޯހުގައި ކުރިއަށް ގެންދާތީ ވަރަށް ފަސޭހައިން ނަގައިގަނެވޭ ކަމަށް އެ މީހުން ބުންޏެވެ.

އީރާ ވަނީ އަތޮޅުތެރޭގައިވެސް ކޯސްތައް ހިންގަން ފަށާފައެވެ. އީރާ މިހާތަނަށް ލ. ފޮނަދޫ، ކ. ހިންމަފުށި، ޅ. ހިންނަވަރު، މ. މުލަކު، އަދި ކުޅުދުއްފުށީގައިވެސް ފަހާކޯސް ހިންގާފައިވެއެވެ. މި ކޯސްތަކުގައި ފަހަން ދަސްކޮދޭ ހެދުންތަކުގެ ތެރޭގައި ޕާޓީހެދުން، ކޮސްޓިއުމްސް، ޒަމާނީ ދިވެހި ހެދުން، އޮފީސް ޓޮޕްސް، ކުޑަކުދީންގެ ހެދުންވެސް ހިމެނެއެވެ.

ގިނަ ބަޔަކަށް ފެންނަން ހުންނާނެ ޕްލެޓްފޯމެއް ހެދުމުގެ ބޭނުގައި، ފަހާފައި ހުންނަ ހެދުންތައް ކުއްޔަށް ދޫކުރުމަށާއި ފަހާ ކޯސްތައް އިތުރަށް ކުރިއަށް ގެންދިއުމަށް "އީރާ ކަލެކްޝަން" ގެ ނަމުގައި އިންސްޓާގްރާމް އަދި އެފްބީ ޕޭޖެއް އީރާ ވަނީ ހަދައިފައެވެ. މި ޕޭޖުން ކުއްޔަށް ދޫކުރަނީ އަންހެނުންގެ އެކި ސައިޒުތަކުގެ ހެދުންތަކެވެ.

އީރާ ކަލެކްޝަނުން ކުއްޔަށް ދޫކުރާ ހެދުންތަކުގެ ތެރޭގައި އެކި ސައިޒުގެ ދިގުހެދުން، ދިވެހި ލިބާސް، ފޭލި އަދި ހެދުންބުރި ހިމެނެއެވެ.

ރާއްޖޭގައި އީރާއަށް އެންމެ މަގުބޫލު އެއްފެހުންތެރިއަކީ ނަހުލާއެވެ. މުސްތަގްބަލުގައި އަމިއްލަ ވިޔަފާރިއެއް ފަށަން ވިސްނާ ކުދިންނަށް އީރާ ދޭން ބޭނުންވާ މެސެޖަކީ "ކޮންމެ ކަހަލަ މަސައްކަތެއްވެސް ކުރަން ކެރިގެން މަސައްކަތް ކޮށްފިއްޔާ ވާނެ" ކަމުގެ މެސެޖެވެ.

އީރާގެ އުންމީދަކީ އަދިވެސް މި މަސައްކަތް އިތުރަަށް ފުޅާކޮށް އިތުރު މީހުނަށް ފެހުމުގެ ހުނަރު ދަސްކޮށްދިނުމެވެ.