ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މުވައްޒަފުންނަށް ކެންސަރު ސްކްރީނިން ޕްރޮގްރާމެއް ބާއްވައިފިއެވެ.

ބީއެމްއެލުން މިއަދު ބުނީ އެ ޕްރޮގްރާމް ބާއްވާފައިވަނީ މިއަދު ކަމަށާއި އެ ޕްރޮގްރާމްގެ ތެރެއިން 100 އަށްވުރެ ގިނަ މުވައްޒަފުން އުރަމަތީގެ ކެންސަރާއި އަނގައިގެ ކެންސަރު އަދި ޕްރޮސްޓޭޓް ކެންސަރަށް ސްކްރީން ކޮށްފައިވާ ކަމަށެވެ.

"ބޭންކުން ދަނީ ގަވައިދުން މުވައްޒަފުންނަށް ކެންސަރު ސްކްރީން ޕްރޮގްރާމް ބާއްވައި، ބަލިން ރައްކާތެރިވުމަށް ޓެސްޓު ކުރުމާއި ބަލި ޖެހުމުގެ ކުރިން ދެނެގަތުގެ މުހިންމުކަން މުވައްޒަފުންނަށް ކިޔައިދީ ބާރުއަޅަމުން،" ބީއެމްއެލުން ބުންޏެވެ.

ކެންސަރު ސްކްރީނިން ޕްރޮގްރާމް ބާއްވާފައިވަނީ ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް އާއެކު ހަދަައިފައިވާ ޕާޓްނާޝިޕެއްގެ ދަށުން ކަމަށް ބީއެމްއެލުން ބުންޏެވެ. އެ ޕާޓްނާޝިޕުގެ ދަށުން މިމަހުގެ ތެރޭގައި ކެންސަރަށް ސްކްރީން ކުރުމާއި ކެންސަރަށް މީހުން ހޭލުންތެރިކުރުމަށް ނ. އަތޮޅުގެ ރަށްތަކުގައި ޕްރޮގްރާމްތަކެއް ހިންގާފައިވާ ކަމަށް ބީއެމްއެލުން ބުންޏެވެ.

ބީއެމްއެލުން ދަނީ 2016 ވަނަ އަހަރުން ފެށިގެން "ޕިންކް ރިބަން ރަން-ވޯކް" އަށް އެހީތެރިކަން ފޯރުކޮށްދީ، ކެންސަރަށް މީހުން ހޭލުންތެރިކުރުވުމަށާއި ބަލިން ރައްކާތެރިވުމަށް ދުރާލާ ޓެސްޓުކުރުމަށް ބާރުއަޅަމުންނެވެ.