އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެންޑޯމެޓްރިއޯސިސް އަދި ޕީސީއޯއެސް ފަދަ ޓްރީޓްމެންޓްތައް އާސަންދަ މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖެއްސުން ހިމަނައިފިއެވެ.

މުއިއްޒުގެ ސަރުކާރުގެ 100 ދުވަހުގެ ވައުދު "14 ހަފުތާ" އިއުލާންކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ޖަލްސާގައި ވަނީ ފުރަތަމަ 14 ހަފުތާގެ ތެރޭގައި 172 ވައުދު ފުއްދުމަށް އަމާޒު ކަނޑައަޅައިފައެވެ.

އޭގެ ތެރޭގައި އެންޑޯމެޓްރިއޯސިސް އަދި ޕީސީއޯއެސް ފަދަ އަންހެނުންނަށް ދިމާވާ ސިއްހީ މައްސަލަތަކަށް ހާއްސަ ފަރުވާ، އާސަންދަ މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނެއެވެ. އެ ވައުދު ފުއްދުމަށް ހިމަނާފައިވަނީ ނުވަ ވަނަ ހަފުތާގެ ތެރޭގައެވެ.

މީގެ އިތުރުން އައިވީއެފް ޓްރީޓްމެންޓް ހިމެނޭހެން ދަރިމައިވުމުގެ ފަރުވާދެވޭނެ އިންތިޒާމު އާސަންދަ މެދުވެރިކޮށް ހަމަޖެއްސުން ވެސް ހިމެނެއެވެ. އެ އިންތިޒާމު ހަމަޖެއްސުން ހިމަނާފައިވަނީ ހަތަރުވަނަ ހަފުތާގައި ފުއްދާ ވައުދެއްގެ ގޮތުގައެވެ.

ދިވެހި ކޮންމެ ރައްޔިތަކަށް އާސަންދައިގެ ދަށުން އަހަރަކު ދެ ފަހަރަކު މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމު ހަމަޖައްސައިދިނުމަކީ ހަތަރުވަނަ ހަފުތާގެ ވައުދެކެވެ. އަދި 14 ވަނަ ހަފުތާގައި ފުއްދާ ވައުދެއްގެ ގޮތުގައި ވަނީ ނަފުސާނީ ބަލިމަޑުކަމާއި ކުރިމަތިލާންޖެހިފައިވާ މީހުންނަށް 24 ގަޑިއިރު ހިދުމަތް ލިބޭނެ ހާއްސަ ގައުމީ ހެލްޕުލައިނެއް އުފެއްދުމަށް ހިމަނައިފައެވެ.

ތެލެސީމިއާ ޕޭޝަންޓުންނަށް މިހާރު ދެވޭ ހިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމުގެ އިތުރުން، ހިލޭ ބޯންމެރޭ ޓްރާންސްޕްލާންޓު ހެދޭނެ މަގުފަހިކޮށް ދިނުމަކީ ހަތަރުވަނަ ހަފުތާގެ ވައުދެކެވެ.