އިންތިހާބީ ރައީސް ހުވައިކުރައްވާ ރަސްމިއްޔާތަށް ޖުމުލަ 46 ގައުމަކުން، އެ ގައުމުތަކުން އައްޔަންކުރައްވާފައިވާ މަންދޫބުން ނުވަތަ އިސްވެރިން ވަޑައިގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފިއެވެ.
މަޖިލިސް އިދާރާގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ހަސަން ޒިޔާއު "ވަން" އަށް މިއަދު ވިދާޅުވީ، 46 ގައުމެއް ތަމްސީލުކުރުމަށް، މަންދޫބުންނާއި އިސްވެރިން ހިމެނޭ ހެން ޖުމުލަ 120 އަށްވުރެ ގިނަ އޮފިޝަލުން އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި ނާއިބު ރައީސް ހުސައިން މުހައްމަދު ލަތީފް ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
"ގާތްގަނޑަކަށް 12 ގައުމުގެ ވަޒީރުން އެބަ ވަޑައިގަންނަވާ. މީގެ ތެރޭގައި ހިމެނޭ އެކި ގައުމުތަކުގެ ރައީސުން ބޮޑުވަޒީރުންނާއި އަދި ރަސްގެފާނުންގެ ހާއްސަ މަންދޫބުންގެ ގޮތުގައި ވަޑައިގަންނަވާ ބޭފުޅުންވެސް." ޒިޔާއު ވިދާޅުވިއެވެ.
ޗައިނާގެ ފަރާތުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވަނީ ނައިބު ރައީސް ފެންވަރުގެ ބޭފުޅެއް ކަމަށާއި އޭނާ ވަޑައިގަންނަވަނީ ޗައިނާގެ ރައީސްގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ކަމަށް ޒިޔާއު ވިދާޅުވިއެވެ.
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވައި ކުރައްވާ ރަސްމިއްޔާތަށް 1000 މީހުންނަށް އާންމުކޮށް ހުޅުވާލަން ނިންމި ކަމަށް އިންތިގާލީ މަރުހަލާގެ ތަރުޖަމާނު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވީ ނިމިދިޔަމަހުގެ 31 ވަނަ ދުވަހުގައެވެ. މުއިއްޒު، ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގެ ހުވައި ކުރައްވާ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މާދަމާ ހަވީރު 4:45 ގައި ޖުމްހޫރީ މައިދާނުގައެވެ.
އެ ރަސްމިއްޔާތުގެ ތައްޔާރީތައް ރައްޔިތުންގެ މަޖިލީހުން ވަމުން އަންނައިރު، ޑައިރެކްޓަރު އޮފް މީޑިއާ ހަސަން ޒިޔާއު މީގެ ކުރީން "ވަން" އަށް ވިދާޅުވީ ރަސްމިއްޔާތުގައި ބައިވެރިވުމުގެ ދައުވަތު 3،500 ވަރަކަށް މީހުންނަށް ފޮނުވަން ހަމަޖެހިފައިވާ ކަމަށެވެ. މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތު ތައްޔާރު ކުރަން ހަވާލުކޮށްފައި ވަނީ ސިފައިންގެ ވެލްފެއާ ކުންފުނި (ސިވެކް)އާއެވެ. އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ 22.9 މިލިއަން ރުފިޔާއަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު