އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އަންހެނުން ވިޔަފާރިއެއް ފެށުމަށް 100 މިލިއަން ރުފިޔާގެ ސްޓާޓަޕް ލޯނެއް ތައާރަފުކުރުން ހިމަނައިފިއެވެ.

މުއިއްޒުގެ ސަރުކާރުގެ 100 ދުވަހުގެ ވައުދު "14 ހަފުތާ" އިއުލާންކުރުމަށް ދަރުބާރުގޭގައި ރޭ ވަނީ އެކަމަށް ހާއްސަ ޖަލްސާއެއް ބާއްވައިފައެވެ. މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ ތެރޭގައި 172 ވައުދު ފުއްދުމަށް ވަނީ އަމާޒު ކަނޑައަޅުއްވައިފައެވެ. އޭގެ ތެރެއިން އަންހެނުންނަށް ހާއްސަ 100 މިލިއަން ރުފިޔާގެ ލޯނެއް ތައާރަފުކުރުން ހިމަނާފައިވަނީ 14 ވަނަ ހަފުތާގައި ފުއްދާ ވައުދެއްގެ ގޮތުގައެވެ.

ސްޓާޓަޕް ލޯނުގެ އިތުރުން ދައުލަތާއި ދައުލަތް ހިއްސާވާ ކުންފުނިތަކުގެ އިސް މަގާމުތަކުގައި އަންހެނުން އިތުރުކުރުމަކީ ވެސް މުއިއްޒުގެ ވައުދެކެވެ. އެ ވައުދު ވެރިކަމުގެ ފުރަތަމަ ދުވަހު ފުއްދަން ވަނީ ހިމަނައިފައެވެ. އަދި ވެރިކަމުގެ ނުވަ ވަނަ ހަފުތާގައި ފުއްދާ ވައުދެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ކަމާ ގުޅުންހުރި އެކި ފަރާތްތަކާއެކު ގުޅިގެން މަސައްކަތް ކުރުން ވަނީ ހިމަނައިފައެވެ.

މީގެ އިތުރުން އަންހެން މުވައްޒަފުންނަށް ރައްކާތެރި ގަދަރުވެރި އަދި ހަމަހަމަ މަސައްކަތުގެ މާހައުލެއް ކަށަވަރުކޮށްދިނުމަށް ޓަކައި ގާނޫނީ އޮނިގަނޑަށް އިސްލާހު ހުށަހެޅުން ވަނީ 14 ވަނަ ހަފުތާގައި ފުރިހަމަކުރާ ވައުދެއްގެ ގޮތުގައި ހިމަނައިފައެވެ. އަންހެނުން އުފައްދާ އުފެއްދުންތައް ވިއްކުމަށް ހާއްސަ ސަރަހައްދެއް ހުޅުމާލޭގައި ކަނޑައަޅައި، ވިޔަފާރި ކުރުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައި ދިނުމަީ މުއިއްޒުގެ ސަރުކާރުގެ ނުވަ ވަނަ ހަފުތާގައި ފުރިހަމަ ކުރަން ނިންމާފައިވާ ވައުދެކެވެ.

ފަންނިއްޔާތުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ގައުމީ ހަރަކާތެއް ހިންގުމަކީ ނުވަ ވަނަ ހަފުތާގެ ވައުދެކެވެ.