އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ފުރަތަމަ 14 ހަފުތާގެ ތެރޭގައި "އެންމެންނަށް ވަޒީފާ" ސިޔާސަތު ކަނޑައެޅުއްވުމަށް ނިންމަވައިފިއެވެ.

މުއިއްޒުގެ ސަރުކާރުގެ 100 ދުވަހުގެ ވައުދު "14 ހަފުތާ" އިއުލާންކުރުމަށް ދަރުބާރުގޭގައި މިރޭ ވަނީ އެކަމަށް ހާއްސަ ޖަލްސާއެއް ބާއްވައިފައެވެ. މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ ތެރޭގައި 172 ވައުދު ފުއްދުމަށް ވަނީ އަމާޒު ކަނޑައަޅުއްވައިފައެވެ.

މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ ތެރޭ ކުރުމަށް ރާއްވަވާފައިވާ ބައެއް ކަންކަމުގެ ތެރޭގައި ކުރިއަށްއޮތް 20 އަހަރަށް އަމާޒުކޮށް ތަރައްގީގެ "މާސްޓާ ޕްލޭން" އެކުލަވާލުމުގެ މަސައްކަތް ފެށުމާއި، ވަޒީފާގެ ފުރުސަތުތައް ފަހިކުރުމަށްޓަކައި "އެންމެންނަށް ވަޒީފާ"ގެ ސިޔާސަތެއް ކަނޑައެޅުން ހިމެނެއެވެ. އަދި ދިވެހި ޒުވާނުންގެ ޝައުގުވެރިކަމާއި ހުނަރުވެރިކަން ހުރި ގިނަ ދާއިރާތައް "ދިވެހީންނަށް ހާއްސަ" މަސައްކަތްތަކެއްގެ ގޮތުގައި އެކަށައެޅުން ވެސް ހިމެނެއެވެ.

އޭގެ އިތުރުން ދިވެހިންނަށް ކުރިއަށްދެވޭނެ ފުރުސަތުތައް ފުޅާކުރުމުގެ ގޮތުން އެއާޕޯޓް މެނޭޖްމަންޓް، އޮޑިޓިން، އެކައުންޓިން، ލޮޖިސްޓިކްސް އަދި ޓްރާންސްޕޯޓް ފަދަ ދާއިރާތަކަށް ހާއްސަ ސިޔާސަތުތަކެއް ކަނޑައެޅުން ވެސް ހިމެނެއެވެ. އަދި ޓެކްސީ ޑްރައިވަރުންގެ ގައުމީ ދަފްތަރެއް އެކުލަވާލުމުގެ ގޮތުން ދަފްތަރުގައި ރަޖިސްޓަރީވުމުގެ ފުރުސަތު ވެސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ ތެރޭގައި ހުޅުވާލުމަށް ވަނީ ނިންމައިފައެވެ.

މުއިއްޒުގެ ވެރިކަމުގެ ފުރަތަަމަ 14 ދުވަހުގެ ތެރޭގައި އައްޑޫ ސިޓީއަށް ހާއްސަ "އައްސޭރި ޓޫރިޒަމް" މަޝްރޫއެއް އެކުލަވާލައި އިފްތިތާހުކުރުން ވެސް ހިމެނެއެވެ. އޭގެ އިތުރުން ރަށްރަށުގެ ކުނި މެނޭޖުކުރުމަށް ގައުމީ މަޝްރޫއެއްގެ ތާވަލު އެކުލަވާލައި އިއުލާންކޮށް ތަންފީޒުކުރަން ފެށުމާއި، މީހުން އާބާދުވެފައިވާ ރަށްރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއެއްގެ ތާވަލު އެކުލަވާލައި އިއުލާންކޮށް ތަންފީޒުކުރަން ފެށުން ވެސް ހިމެނެއެވެ.