ފުލުހުން ހިންގާ ތަހުގީގަށް އާރުޑީސީން ގިނަ އަދަދެއްގެ ލިޔެކިޔުންތަކެއް ރޭ ގެންގޮސްފި އެވެ.

ފުލުހުން ވަނީ އިއްޔެ ހެނދުނު އާރްޑީސީ އޮފީހަށް ވަދެފައެވެ. ފުލުހުން އެތަނަށް ވަދެ، އެތަން ފާސްކުރުމަށް ފަހު، ރޭ 11:00 ޖަހާ ބޮޑުވި ފަހުން، ގިނަ އަދަދެއްގެ ބޮކްސް ފައިލްތަކާއި ލިޔެކިޔުންތަކެއް ޕިކަޕަކަށް އަރުވައިގެން ގެންދިޔައެވެ.

ފުލުހުން މިއަދު ބުނީ، އާރްޑީސީ އޮފީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ތަކެތި ދިރާސާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ނުދެއެވެ.

އެނގިފައިވާ ގޮތުގައި ފުލުހުން އާރުޑީސީއާ ގުޅޭ ގޮތުން ކުރަނީ މިފަހުން ފެންމަތިވި 13 މިލިއަން ރުފިޔާގެ ޕެޓީ ކޭޝް މައްސަލައިގެ ތަހުގީގެވެ.

އެ ތަހުގީގަށް ބޭނުންވާ ހެކި ހޯދަން އާރުޑީސީގެ އޮފީހަށް ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

އެ އޮޕަރޭޝަނާ ގުޅޭ ގޮތުން، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގައި، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) ވިދާޅުވީ ފުލުހުން އެ އޮފީހަށް ވަނީ "ހެޑްލައިން ހަދަން" ކަމަށެވެ.