ބަންގްލަދޭޝްގައި ކުރިއަށް ދިޔަ ދެވަނަ ބަންގަބަންދު ސައުތު އޭޝިއަން ސަމްބޯ ޗެމްޕިއަންޝިޕުގައި ވާދަކޮށް ރާއްޖޭގެ ސިނާން އަހުމަދު ތާރީހީ ރިހި މެޑަލްއެއް ހޯދައިފިއެވެ.

މިއީ ރާއްޖެއިން ސަމްބޯ ބައިނަލްއަގުވާމީ މުބާރާތެއްގައި ވާދަކުރި ފުރަތަމަ ފަހަރެވެ. ބަންގްލަދޭޝް މުބާރާތުން ރާއްޖޭގެ ސިނާން ރިހި މެޑަލް ހޯދީ ސްޕޯޓްސް ސަމްބޯ 79 ކިލޯގްރާމް ވެއިޓް ކެޓެގަރީންނެވެ. އެކެޓެގަރީން އެއްވަނަ ހޯދާފައިވަނީ އިންޑިއާ އިންނެވެ.

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ޝާހިދު ތާޖުއްދީން އަހުމަދު އިންޑޯ ސްޓޭޑިއަމުގައި ބޭއްވި މުބާރާތުގައި ދެކުނު އޭޝިއާގެ ހަތް ގައުމު ވަނީ ވާދަކޮށްފައެވެ. އެއީ ރާއްޖޭގެ އިތުރުން އިންޑިއާ އާއި، ސްރީ ލަންކާ އާއި، ނޭޕާލާއި، ޕާކިސްތާން އަދި މުބާރާތް ބޭއްވި ބަންގްލަދޭޝް އެވެ.

މި މުބާރާތަކީ ސަމްބޯ ޔޫނިއަން އޮފް އޭޝިއާ އެންޑް އޯޝޭނިއާ އާއި ބަންގްލަދޭޝްގެ ސަމްބޯ އެސޯސިއޭޝަން ގުޅިގެން ބޭއްވި މުބާރާތެކެވެ.

ސަމްބޯއަކީ މިހާރު ގިނަބައެއްގެ ތައުރީފް ލިބި، މަގުބޫލުވަމުން އަންނަ ކުޅިވަރެކެވެ. ސަމްބޯއަކީ މާޝަލް އާޓްސްގެ ވައްތަރެކެވެ. ސަމްބޯ، 2028 ގެ އޮލިމްޕިކްސްގައި ހިމެނުމަށް މިހާރު ވަނީ ނިންމާފައެވެ.