ޒަޔަނިސްޓް އިޒްރޭލުން ގާޒާގެ ނިކަމެތި ރައްޔިތުންނަށް ދެމުން ގެންދާ އުދުވާނީ ހަމަލާތަކަށް ދެކޮޅު ހެދުމުގެ ގޮތުން އިސްޒޭލް ރައްޔިތުން ރާއްޖެ އައުން މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާ އެރުވުމަށް ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެގޮތަށް ފާސްކުރީ ހާޒިރުވެވަޑައިގެން ތިއްބެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

ކޮމިޓީގައި މި މައްސަލަ ކުރިއަށް ދިޔައީ، އިޒްރޭލު މީހުންނަށް ރާއްޖެއަށް ނާދެވޭ ގޮތް ހަދައި ދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް މަޖިލީހަށް ހުށަހަޅުއްވި މައްސަލައަކާ ގުޅިގެންނެވެ.

އެ ސިޓީގައި ހައިތަމް ވިދާޅުވެފައިވަނީ އިޒްރޭލުން 1948 ވަނަ އަހަރުން ފެށިގެން ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް ލާ އިންސާނީ އަމަލުތައް ހިންގަމުން ގެންދާ ކަމަށެވެ. އެ އަނިޔާތަކުގެ ސަބަބުން ފަލަސްތީނުގެ ތުއްތު ކުދިންނާއި އާންމު ރައްޔިތުން ޝަހީދު ވެފައިވާ އިރު، ބައެއް މީހުން ވަނީ އުމުރު ދުވަހަށް ރެފިއުޖީންނަށް ބަދަލުވެފައި ކަމަށާއި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ ލާ އިންސާނީ ކަންކަމަކީ އިންސާނީ ހައްގުތަކާ ދެކޮޅު ކަންކަން ކަމަށް ހައިތަމް ވިދާޅުވެފައިވެއެވެ.

އެހެންކަމުން ދިވެހި ރައްޔިތަކަށްވެ ހުރެ އަޅުގަނޑު ހަރުއަޑުން އިޒްރާއީލްގެ ޔަހޫދީން ހިންގާ ލާ އިންސާނީ އަމަލުތައް ކުށްވެރިކުރާ ކަމަށާއި އެފަދަ ގައުމެއްގެ ޕާސްޕޯޓުގައި ޗުއްޓީ ހޭދަކުރުމުގެ ނަމުގައި މި ސައްތައިން ސައްތަ މި މުސްލިމް ގައުމަށް އައުމަކީ އިންތިހާއަށް ކަންބޮޑުވެ ބިރުގަންނަންޖެހޭ ކަމެއް ކަމަށްވެސް ވިދާޅުވެފައިވެއެވެ. ވީމާ ދިވެހިރާއްޖޭގެ މުއައްސަސާތަކުން، ވީ އެންމެ އަވަހަކަށް އިޒްރޭލުގެ ޕާސްޕޯޓާއި އިޒްރޭލުގެ ފަތުރުވެރިން ރާއްޖެ އައުން މިހާރުން މިހާރަށް ހުއްޓުވުމަށް ވެސް ވަނީ ގޮވާލައިފައެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް ވިދާޅުވީ، ހާރިޖީ ގުޅުންތައް ގާއިމް ކުރުމާއި ހާރިޖީ ސިޔާސަތު ހިންގުމުގެ ގޮތުން، ބޭރު ގައުމުތަކާއި ޖަމްއިއްޔާ ޖަމާއަތްތަކާއެކު ގުޅުން ގާއިމްކޮށް ދެމެހެއްޓުމަކީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާއިން މުތުލަގަށް ރައީސުލްޖުމްހޫރިްޔާއަށް ލިބިދޭ ބާރެއް ކަމަށެވެ. އެހެންކަމުން އެ މައްސަލައިގެ ބަހުސްގައި މެންބަރުން އެކަމަށް ވިސްނެވުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.

އެގޮތުން އިޒްރޭލް މީހުން ރާއްޖެ އައުން މަނާ ކުރުމާއި އެ ގައުމުގެ ޕާސްޕޯޓް ބޭން ކުރުމަށް ކޮމިޓީއަށް ކުރެވޭނެ ކަމަކީ އެކަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިނުމަށް ކަމަށް މެންބަރުން ވިދާޅުވިއެވެ.

އެހެންކަމުން އެގޮތުގެމަތިން އެކަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުވަން ކޮމިޓީން ފާސްކޮށް، ސިޓީއެއް ފޮނުވަން ކޮމިޓީން ފާސްކުރިއެވެ.