ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތުގެ ޖަލު ހުކުމް ލުއިކޮށްދީ، މާފުކޮށްދިނުމުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި ނަމަވެސް އެއީ ޕްރޮސިކިއުޓާ ޖެނަރަލްގެ ދައުރެއް އޮތް ކަމެއް ނޫން ކަމަށް ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

"މާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ" ދަށުން އަދީބާއި ޒިޔަތަށް އެ ފުރުސަތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވުމުން، މިހާރު އެ ދެ ބޭފުޅުން ވަނީ މިނިވަންވެފަ އެވެ.

ޕްރޮސިކިއުޓާ ޖެނަރަލް ޝަމީމް، އޭނާގެ އަމިއްލަ ބްލޮގްގައި މިއަދު ލިޔުއްވި ގޮތުގައި" މާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނު" އޮތް ގޮތުން، އެއްވެސް މަރުހަލާއެއްގައި ޕްރޮސިކިއުޓާ ޖެނެރަލްގެ ދައުރެއް ނޯވެ އެވެ. އެގޮތުން ހުކުމެއް ކުރުމަށް ފަހު އެ ހުކުމަކާ މެދު ދެން އަމަލުކުރާ ގޮތަކީ ޕީޖީ އޮފީހުގެ ބަހެއް ހޯދަން ޖެހޭ ކަމެއް ނޫން ކަމަށާއި އެކަން ކުރަން ޖެހެނީ ކަރެކްޝަންސްއަށް ކަމަށް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ އަދީބާއި ޒިޔަތަށް މާފު ދިނުމުގައިވެސް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ބަހެއް ހޯދާފައި ނުވާ ކަމަށާއި ހޯދަން ނުވެސް ޖެހޭ ކަމަށެވެ.

ޝަމީމް ވިދާޅުވީ، ގާނޫނު އަސާސީން ރައީސަށް ފުޅާކޮށް ބާރުތަކެއް ލިބޭ ކަމަށާއި އެ ބާރުތައް ބޭނުންކުރާ ގޮތާމެދު ސުވާލު އުފެއްދުމަކީވެސް ޕްރޮސިކިއުޓާ ޖެނެރަލްގެ މަސައްކަތުގެ ދާއިރާގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ. ގާނޫނީ ނިޒާމު މިހާރު އޮތް ގޮތުން، މާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން ރައީސަށް ފުޅާ ބާރުތަކެއް ލިބިގެންވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

"އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުންނާއި ގާނޫނު ތަންފީޒުކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ މީހެއްގެ ހައިސިއްޔަތުން، ދެރައާއި ހިތްހަމަނުޖެހުމާއި، ފްރަސްޓްރޭޝަނާއި ކަންބޮޑުވުން ކުޑައެއް ނޫން. ނަމަވެސް، ޕްރޮސިކިއުޓާ ޖެނެރަލަށް ކަމަކާ ބެހެވޭނީވެސް، ކަންބޮޑު ވެވޭނީވެސް، ރުޅިއާދެވޭނީވެސް، ރުހެވޭނީވެސް، އުފާ ވެވޭނީވެސް ގާނޫނުގައި ބެހޭށާއި ކަންބޮޑުވާށާއި ރުޅި އަންނާށާއި ރުހޭށާއި އުފާވާން ފުރުސަތު ދީފައި އޮތްނަމަ،" ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނު ރައްޔިތުންގެ މަޖިލީހުން ހެދިއިރު، ޕްރޮސިކިއުޓާ ޖެނެރަލެއް ހުންނާނެކަން އެނގި ހުރެ، އޭނާގެ ދައުރެއް ނޯންނަ ގޮތަށް ގާނޫނު ލިޔުނީ ކޮންމެވެސް މުހިންމު މަގުސަދެއް ހާސިލުކުރާން ކަމަށް ބަލަން ޖެހޭ ކަމަށެވެ.

ޝަމީމް ގަބޫލުކުރައްވާ ގޮތުގައި އެންމެ ރަނގަޅު ގޮތަކީ ކްލެމެންސީގެ އުސޫލު އުވާލުމެވެ. ނަމަވެސް، އެކަން ބާއްވާ ނަމަ، އެކަން އޮންނަންވީ މަދުވެގެން ހަތަރުބައިކުޅަ ތިންބައި ތަންފީޒުކޮށް ނިމުމުން މައާފު ދޭ ގޮތަށް ކަމަށް ވިދާޅުވިއެވެ.

މައާފު ދިނުމާއި އަދަބު ލުއިކޮށް ދިނުމުގެ ގާނޫނު އޮންނަ ގޮތުން ޖިނާއީ ބޮޑެތި ކުށްތަކުގައި މައާފު ދިނުމުގެ ފުރުސަތު ނެތަސް، އަދަބުގެ މުއްދަތު ކުޑަކޮށް ދިނުމުގެ ބާރު އޮވެ އެވެ. މި ގޮތަށް އަދަބުގެ މުއްދަތުން ކުޑަކޮށްދެވޭނެ އެންމެ މަތީ މިންގަނޑެއް ގާނޫނަކު ނޯވެ އެވެ.