މަޖިލިސް "ހަމައިގައި" ކުރިޔަށް ގެންދަވަން އާ ރައީސް، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމްގެ ވަރުގަދަ ހޫނު އެންގެވުން ތަކެއް މިއަދުގެ މަޖިލިސް ފައްޓަވައި މެމްބަރުންނަށް އަންގަވައިފިއެވެ.
މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް އަސްލަމް ވިދާޅުވީ މަޖިލީހުގެ ގަވާއިދުގެ ތިންވަނަ މާއްދާގައި ވަނީ މަޖިލީހުގެ ގަވާއިދާ ގަދަރާއި ހުރުމަތް ހިފެހެއްޓުމަކީ މަޖިލިސް ރައީސްގެ ޒިންމާއެއް ކަމަށެވެ. އެ ގަވާއިދަށް އުނިކަމެއް އަންނާނެ އެއްވެސް ކަމެއް ކުރާނަމަ، އެކަމެއް ހުއްޓުވުމަކީ މަޖިލިސް ރައީސްގެ ޒިންމާއެއް ކަމަށްވެސް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ މަޖިލީހަކީ ގިނަ ސިޔާސީ ޕާޓީތައް ތަމްސީލްކުރާ ތަނެއް ނަމަވެސް މަޖިލިސްގައި ހަމައެކަނި ކުރަން ޖެހޭނީ ސިޔާސީ މަސައްކަތްތަކެއް ނޫން ކަމަށެވެ. ގާނޫނު ހެދުމާއި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ އިރު، މަޖިލީހުގެ ހައިބަތާއި ގަދަރު ހިފެހެއްޓުމަކީ މަޖިލިސް މެމްބަރުންގެ ވެސް ޒިންމާއެއް ކަމަށް އަސްލަމް ވިދާޅުވިއެވެ.
"އެހެންކަމުން މަޖިލީހުގެ ނިޒާމު ނުގެއްލި މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ގޮތަށް ކަންކަން އިންތިޒާމު ކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ފެންނާތީ، އެގޮތުން ބައެއް ފިޔަވަޅުތައް އަޅަން ގަސްދުކުރާ ވާހަކަ އަޅުގަނޑު ދަންނަވަން." އަސްލަމް ވިދާޅުވިއެވެ.
އެގޮތުން ގާނޫނު އަސާސީގެ 88 ވަނަ މާއްދާގެ (ހ)ގައި ބުނާ ގޮތުގެ މަތިން ރައްޔިތުން މަޖިލީހުގެ މެންބަރުން އަމަލު ކުރަން ޖެހޭ ސުލޫކީ މިންގަނޑުގެ ގަވައިދެއް އެކުލަވާލުމުގެ މަސައްކަތް މީގެ ކުރިން މަޖިލީހުގައި ކޮށްފައިވާ ކަމަށާއި ނަމަވެސް މި ދައުރުގައި ކުރިއަށް ގެންގޮސްފައި ނުވާ ކަމަށެވެ. އެހެންކަމުން އެމަސައްކަތް ކުރައްވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.
މީގެ އިތުރަށް މަޖިލީހަށް ވަޑައިގަންނަވާ މިނިސްޓަރުންނާއި އެހެނިހެން ފަރާތްތަކުގެ ރައްކާތެރިކަމާއި ސަލާމަތީ ކަންކަން ބެލެހެއްޓުމަކީ މަޖިލީހުން ކުރަން ޖެހޭ ކަންކަން ކަމަށާއި އެހެންކަމުން އެބޭފުޅުން މަޖިލީހުގައި ތަމްސީލުކުރައްވާ ވަގުތުތަކުގައި ސަލާމަތީ ކަންކަން ފޯރުކޮށްދިނުމަށް މަޖިލިސް އިދާރާއަށް އަމުރު ކުރައްވާ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
މީގެ އިތުރުން، މަޖިލީހުގެ ނިޒާމު ގަސްދުގައި ގެއްލުވައިލުމާއި ބޭކާރު ގޮތުގައި ނިޒާމީ ނުކުތާ ނެންގެވުމާއި މަޖިލީހުގެ މަސައްކަތަށް ގަސްދުގައި ހުރަސްއަޅާން ވެސް ފުރުސަތު ނުދެއްވާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ. އަދި މަޖިލީހަކީ ގަދަރާއި ހައިބަތު ލިބިގެންވާ، ރައްޔިތުންގެ އިތުބާރު އޮތް ތަނަކަށް ހެއްދެވުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު