ދިވެހި ރައްޔިތުންނަކީ ވެރިކަން ހިންގާ ފަރާތުގެ އަޅުންކަމުގައި ބެލެވެމުންއައި ޒަމާން މާޒީގެތެރެއަށްގޮސް ރައްޔިތުންގެ މަންދޫބުންނާ މަޝްވަރާކޮށް ވެރިންވެސް ގާނޫނަށް ބޯލެނބުން ލާޒިމު ނިޒާމެއް މިރާއްޖޭގައި ތައާރަފު ކުރެވުނުތާ މިވީ 91 އަހަރެވެ. ވެރިން ހިތަށްއެރީމާ ހިތަށްއެރި ކޮންމެ އެއްޗެއް ގާނޫނަކަށްނުވެ ގާނޫނު ހެދުމަކީ ރައްޔިތުންގެ މަޖިލީހުގެ ޒިންމާއެއްކަމުގައި ވެގެންދިޔައީ 1932 ވަނަ އަހަރު ފާސްކުރެވުނު ދިވެހިރާއްޖޭގެ ފުރަތަމަ ގާނޫނުއަސާސީއާ ހަމައިންނެވެ. އެހިސާބުން ފެށިގެން މިހާތަނަށް ވެރިކަމުގެ ނިޒާމުގައި އެކިކުލަ ޖެހެމުން ފުރޮޅެމުން ޒަމާނީވަމުން އިސްލާހުވަމުންއައިސް މިހާރު މިއޮތީ ދައުލަތުގެ ތިންބާރު ވަކިކުރެވިފައިވާ ޒަމާނީ ޑިމޮކްރަޓިކް ނިޒާމެކެވެ. ވެރިކަން ހިންގުމުގެ ބާރާއި އަދުލުއިންސާފު ގާއިމުކުރުމުގެ ބާރާއި ގާނޫނު ހެދުމާއެކު ސަރުކާރު ޖަވާބުދާރީ ކުރުމުގެ ބާރެވެ. ވެރިކަން ހިންގުމުގެ ބާރުގެ ވެރިޔަކީ ނުވަތަ ސަރުކާރުގެ ވެރިޔަކީ ރައީސުލްޖުމްހޫރިއްޔާއެވެ. އަދުލުއިންސާފު ގާއިމުކުރުމުގެ ބާރުގެ ވެރިޔަކީ އުއްތަމަ ފަނޑިޔާރެވެ. ގާނޫނު ހެދުމުގެ ބާރުގެ ވެރިޔަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސެވެ.
މަތީގައި ދެންނެވުނު ތިން ބާރުގެ ވެރިންވަނީ ދައުލަތުގެ ހައިރާކީގައި ދަރަޖަވެގެން ތަރުތީބުވެގެންނެވެ. ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބަކީ ދައުލަތުގެ އެންމެ އިސް ބާރުވެރިންނެވެ. އޭގެ ފަހަތަށް އުއްތަމަ ފަނޑިޔާރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސެވެ. ދައުލަތުގެ އެންމެ މަތީ ދަރަޖައިގެ ހަތަރު މަގާމަކީ މި ހަތަރު މަގާމު ކަމަށްވާއިރު މިއިން ކޮންމެ މަގާމަކަށް ވަޑައިގަންނަވާ ބޭފުޅެއްގެ ވަނަވަރު ކިޔުމާއި ލިޔުމަކީ އޮންނަ ކަމެކެވެ. އެއީ ކިހާވަރެއްގެ ކޮން ބޭފުޅެއްކަން ދެނެގަތުމަށްޓަކައެވެ. ބުނެދިނުމަށްޓަކައެވެ. މި ހަފުތާގެ އަންގާރަދުވަހު މިދެންނެވި ހަތަރު މަގާމުގެ ތެރެއިން އެއް މަގާމަށް އައު ބޭފުޅަކު ވަޑައިގެންފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށެވެ. ގާނޫނު ހެދުމުގެ ބާރުގެ ވެރިޔާގެ ގޮތުގައެވެ. އެއީ ކޮންބޭފުޅެއް ބާވައެވެ. ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރުގެ ގޮތުގައި މިހާތަނަށް ހުންނެވި އެ މަޖިލީހުގެ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ.
އޮނަރަބަލް މުހައްމަދު އަސްލަމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ވަޑައިގެންނެވި އައްޑުއަތޮޅަށް ނިސްބަތްވެވަޑައިގަންނަވާ ފުރަތަމަ ބޭފުޅާއެވެ. ހުވަދުއަތޮޅު ދެކުނުބުރީ ވާދޫއަށް ނިސްބަތްވެވަޑައިގަންނަވާ ސީނާ އަހުމަދު ޒާހިރާއި އަރިއަތޮޅު ދެކުނުބުރީ މާމިގިއްޔަށް ނިސްބަތްވެވަޑައިގަންނަވާ ގާސިމް އިބްރާހީމާއި ފުވައްމުލަކަށް ނިސްބަތްވެވަޑައިގަންނަވާ އަބްދު ﷲ މަސީހު ފިޔަވައި ދެން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވާފައިވަނީ މުޅިންވެސް ވެރިރަށް މާލެއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުންނެވެ. އަސްލަމް ނިސްބަތްވެވަޑައިގަންނަވަނީ އައްޑުއަތޮޅަށް ކަމުގައިވިޔަސް ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވާފައިވާ މާލޭގެ ބޭފުޅުންނެކޭ އެއްފަދައިން އަސްލަމްވެސް ނިސްބަތްވެވަޑައިގަންނަވަނީ އިހުގެ ޝާހީ ޚާންދާނަކަށެވެ. ޝާހީ އެންމެ ޚާންދާނެއް ނޫނެވެ. ދެ ޚާންދާނެކެވެ. ދިޔަމިގިލީ ރަސްދަރިކޮޅާއި އިސްދޫ ރަސްދަރިކޮޅެވެ. މި ލިޔުމުގެ ބޭނުމަކީ އެވާހަކަ ދެއްކުމެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ދަރަޖަޔާއި ހައިސިއްޔަތަށް އަންނަމުންދިޔަ ބަދަލުތަކާއި އެ މަގާމުގެ ތާރީޚާއި ގުޅުންހުރި ބައެއް ރިކޯޑުތަކުގެ ވާހަކަ ދެއްކުމެވެ.
އޮނަރަބަލް މުހައްމަދު އަސްލަމް ރައްޔިތުންގެ މަޖިިލީހުގެ ރައީސްކަމަށް ހޮވުމުގެ މަސައްކަތަކީ މިހާރު މިއޮތް މަޖިިލީހުގެ ދައުރު 28 މޭ 2019 ގައި ފެށުނުއިރުވެސް ކުރެވުނު މަސައްކަތެކެވެ. އެފަހަރު އެކަން ކާމިޔާބު ނުވީއެވެ. އެ މަސަައްކަތް އެންމެފަހުން ކާމިޔާބުވީ 14 ނޮވެންބަރު 2023 ގައެވެ. ރައްޔިތުންގެ މަޖިލީހުގެ އައު ރައީސް އޮނަރަބަލް މުހައްމަދު އަސްލަމަކީ އެ މަޖިލީހުގެ ބައެއް ރިކޯޑުތައް ކުރިންވެސް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. ރާއްޖޭގެ އަތޮޅަކުން އެންމެ ގިނަ ވޯޓު ހޯއްދަވައިގެން މަޖިލިސް މެންބަރު ކަމަށް ވަޑައިގެންނެވުމުގެ ރިކޯޑު އޮތީ އަސްލަމަށެވެ. މަޖިލީހުގެ މުޅި ތާރީޚުގައިވެސް އަތޮޅެެއްގެ އެންމެ ގިނަވޯޓު ލިބިވަޑައިގެން އައްޑުއަތޮޅުގެ މެންބަރުކަމަށް އަސްލަމް އެންމެ ފުރަތަމަ ވަޑައިގެންނެވީ 2005 ވަނަ އަހަރުއެވެ. ލިބިވަޑައިގަތީ ޖުމްލަ 6985 ވޯޓެވެ.
އޭގެފަހުން މެދުނުކެނޑި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ގެންދަވަނީ ކުރައްވަމުންނެވެ. ކޮންމެ އަތޮޅަކުން ދެ މެންބަރުން ހޮވުމުގެ ބަދަލުގައި މަޖިލީހުގެ ދާއިރާތައް ކަނޑައެޅުނު ފަހުން ހިތަދޫ އުތުރު ދާއިރާގެ މެންބަރުގެ ގޮތުގައެވެ. މުޅިއެކު ހަތަރު ދައުރުގައި މިހާރު ވިއްސަކަށް އަހަރު މަޖިލީހުގެ މެންބަރުކަން ކުރައްވައިފިއެވެ. އެންމެފަހުން ރައްޔިތުންގެ މަޖިލީހުގެ އެންމެ މަތީ މަގާމުކަމަށްވާ އެ މަޖިލީހުގެ ރައީސްކަމަށް ވަޑައިގެންނެވީ މެންބަރުކަމުގެ ވިހި އަހަރުގެ ތަޖުރިބާޔާއެކުގައެވެ. އޮނަރަބަލް މުހައްމަދު އަސްލަމަކީ އަތޮޅުތެރެއިން ވޯޓުގެ ރިކޯޑެއް ގާއިމުކުރެއްވި ބޭފުޅަކަށްވިޔަސް ގައުމީ ރިކޯޑު އޮތީ އެހެން ބޭފުޅަކަށެވެ. ދިވެހިރާއްޖޭގެ ވެރިރަށް މާލޭގެ މެންބަރަކަށް އޮނަރަބަލް އިލްޔާސް އިބްރާހިމް 1999 ވަނަ އަހަރު ހޮވިވަޑައިގަތީ 9000 އަށްވުރެ ގިނަ ވޯޓު ހޯއްދަވައިގެންނެވެ. ގައުމީ ރިކޯޑަކީ އެއީއެވެ.
ދިވެހިރާއްޖޭގައި އަލަށް ގާނޫނުއަސާސީއެއް ވުޖޫދުކުރެވި، ދުސްތޫރީ ހުކޫމަތެއްގެ ބިންގައުއެޅި، ބަރުލަމާނީ ހަޔާތެއް މީގެ ނުވަދިހަ އެއް އަހަރު ކުރިން 1932 ވަނަ އަހަރު ފެށުނުފަހުން މިހާތަނަށް 17 ބޭފުޅަކު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވައިފިއެވެ. އޮނަރަބަލް މުހައްމަދު އަސްލަމަކީ ރައްޔިތުންގެ މަޖިލީހުގެ 18 ވަނަ ރައީސެވެ. ވަނަވަނަ ބެލުމުގައި އޮޅުންތަކެއް އެރުމަކީވެސް އެކަށީގެންވާ ކަމެކެވެ. ސަބަބަކީ މީގެކުރިން މަޖިލީހުގެ ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ދެ ބޭފުޅަކު ދެ ފަހަރަކު އެ މަގާމު އަދާކުރައްވާފައިވުމެވެ. އެއީ އޮނަރަބަލް އަހުމަދު ޒަކީއާއި އޮނަރަބަލް އަބްދު ﷲ ހަމީދެވެ. އޮނަރަބަލް އަބްދު ﷲ ހަމީދު އެންމެ ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރެއްވީ 1988 ވަނަ އަހަރުން 1990 ވަނަ އަހަރާ ހަމައަށް ދެ އަހަރުގެ މުއްދަތަކަށެވެ.
އެއަށްފަހު ދެވަނަ ފަހަރަށް އެމަނިކުފާނު މަޖިލީހުގެ ރައީސްކަން ކުރެއްވީ 1993 ވަނަ އަހަރުން ފެށިގެން 2004 ވަނަ އަހަރާ ހަމައަށް ޖުމްލަ 11 އަހަރުއެވެ. އެހެންވީމާ ދެފަހަރެއްގެ މަތިން 13 އަހަރު އެމަނިކުފާނު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވައިފައެވެ. މުއްދަތަށް ބަލާއިރު އެއީ ރާއްޖޭގެ ރިކޯޑެއް ނޫނެވެ. ރިކޯޑުއޮތީ އޮނަރަބަލް އަހުމަދު ޒަކީއަށެވެ. އެމަނިކުފާނު އެންމެ ފުރަތަމަ މަޖިލީހުގެ ރައީސްކަން ކުރެއްވީ 1959 ވަނަ އަހަރުން ފެށިގެން 1972 ވަނަ އަހަރާ ހަމައަށް ޖުމްލަ 13 އަހަރުއެވެ. އޭގެފަހުން ދެވަނަ ފަހަރަށް އެމަނިކުފާނު މަޖިލީހުގެ ރައީސްކަން ކުރެއްވީ 1990 ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން 1993 ވަނަ އަހަރުގެ ފަހުކޮޅާ ހަމައަށް ގާތްގަޑަކަށް ހަތަރު އަހަރުއެވެ. އެގޮތުން ދެ ފަހަރެއްގެ މަތިން ޖުމްލަ 17 އަހަރު މަޖިލީހުގެ ރައީސްކަން ކުރެއްވިއެވެ. ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރިކޯޑަކީ އެއީއެވެ.
އަލަށް ވުޖޫދު ކުރެވުނު ގާނޫނުއަސާސީއަކާއެކު ބަރުލަމާނީ ހަޔާތެއް ފެށުނު ކަމަށްވިޔަސް މި ބަރުލަމާނީ ހަޔާތަށް ތިން ވައްތަރެއްގެ ވެރިކަމުގެ ހިޔަނި އެޅުނެވެ. އެއްވައްތަރަކީ ދުސްތޫރީ ރަސްކަމެވެ. ދެ ވަނަ ވައްތަރަކީ ޚުދުމުޚުތާރު ޖުމްހޫރީ ވެރިކަމެވެ. ތިންވަނަ ވައްތަރަކީ މިޒަމާނުގައި މިފެންނަ ޑިމޮކްރަސީއެވެ. ދުސްތޫރީ ރަސްކަމުގެ ދުވަސްވަރު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ބޭފުޅަކު ހޮވީ މަޖިލީހުގެ މެންބަރުންގެ ތެރެއިންނެވެ. އެއީ 1932 ވަނަ އަހަރުން ފެށިގެން 1952 ވަނަ އަހަރަށް އަދި 1954 ވަނަ އަހަރުން ފެށިގެން 1968 ވަނަ އަހަރާ ހަމައަށެވެ. މަޖިލީހުގެ މެންބަރުންގެ ތެރެއިން ބޭފުޅަކު މަޖިލީހުގެ ރިޔާސަތަށް ހޮވުމުގެ އުސޫލު ދިގު ޒަމާންތަކަކަށްފަހު އަލުން ގާއިމްކުރެވުނީ ރާއްޖެއަށް ޒަމާނީ ޑިމޮކްރަސީ ތައާރަފުވުމާއެކު 2008 ވަނަ އަހަރުއެވެ. މުހައްމަދު އަމީނުގެ ފުރަތަމަ ޖުމުހޫރިއްޔާގެ ދުވަސްވަރު 1953 ގައި މަޖިލީހުގެ ރައީސަކީ ވަލިއްޔުލްއަމްރު އައްޔަން ކުރައްވާ މަގާމެކެވެ.
ރައީސް ނާސިރުގެ ޖުމުހޫރިއްޔާ 1968 ވަނަ އަހަރު ގާއިމްކުރެވުނު ހިސާބުން ނާސިރުގެ ދައުރާއި ރައީސް މައުމޫނުގެ ރިޔާސީ ދައުރުގެ އެންމެފަހު އަހަރު ކަމަށްވާ 2008 ވަނަ އަހަރާ ހަމައަށް މަޖިލީހުގެ ރައީސަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މަގާމެކެވެ. މިކަންކަމަށް ބެލީމާ ދިވެހިރާއްޖޭގެ ޖުމުހޫރީ ދައުރުތަކުގައި އޮތް ޚުދުމުޚުތާރުކަން ދުސްތޫރީ ރަސްކަންތަކަށްވުރެ ބޮޑުކަމަށް ބުނެވިދާނެއެވެ. ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ނަންވެސް އެކި ދުވަސްވަރު ބަދަލުވެފައިވެއެވެ. ގާނޫނުހަދާ މަޖިލީހޭވެސް ކިޔާފައިވެއެވެ. ރައްޔިތުންގެ ގެއޭވެސް ކިޔާފައިވެއެވެ. ކޮންމެ ނަމެއް ކިޔަސް އެއީ އެއްތަނެކެވެ. އެއީ ދިވެހިރާއްޖޭގެ ޕާލަމެންޓެވެ. މިތަނެއް ވުޖޫދުވީ 22 ޑިސެންބަރު 1932 ގައި ގެނެވުނު ގާނޫނުއަސާސީއާއެކުގައެވެ. މި މަޖިލީހުގެ ރައީސް ހޮވާގޮތަށް ބަދަލުއައި ގޮތަށް މި މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުވެސް ދައުލަތުގެ ހައިރާކީގައި ދިޔައީ ބަދަލުވަމުންނެވެ.
އެންމެ ފުރަތަމަ 1932 ވަނަ އަހަރުން 1952 ވަނަ އަހަރާ ހަމަޔަށް ދުސްތޫރީ ރަސްކަމުގެ ދުވަސްވަރު މަޖިލީހުގެ ރައީސްގެ ދަރަޖަ ވަޒީރުންނަށްވުރެ މައްޗެވެ. އަމީނުގެ ޖުމްހޫރީ ދައުރުގައި 1953 ވަނަ އަހަރު މަޖިލީހުގެ ރައީސްގެ މަގާމަކީ ވަޒީރުންނަށްވުރެ ދަށް މަގާމެކެވެ. ސްޓޭޓް މިނިސްޓަރުންގެ ދަރަޖައެވެ. އެ ޖުމްހޫރިއްޔާ އުވިގެންގޮސް 1954 ވަނަ އަހަރުން ފެށިގެން 1968 ވަނަ އަހަރާ ހަމަޔަށް އަލުން ރަސްކަން ހިނގިއިރު އެ މަގާމު ވަޒީރުންނަށްވުރެ މަތިވެރި މަގާމެއްގެ ގޮތުގައި އަނެއްކާވެސް މައްޗަށް އުފުލިއްޖެއެވެ. ދެން އައީ 1968 ގައި ގާއިމް ކުރެވުނު ދެވަނަ ޖުމްހޫރިއްޔާގެ ދައުރެވެ. ނާސިރުގެ މި ޖުމްހޫރިއްޔާ ފެށުމާއެކު މަޖިލީހުގެ ރައީސްކަން ވަޒީރުން ފެންވަރަށް ތިރިއަށް ސޮއްސާލައިފިއެވެ. މިކަން މިގޮތަށް ދެމިގެންއައިސް 1998 ވަނަ އަހަރު ރައީސް މައުމޫނުގެ ދައުރުގައި މަޖިލީހުގެ ރައީސްގެ މަގާމުގެ ދަރަޖަ ވަޒީރުންނަށްވުރެ މައްޗަށް އަަަނެއްކާވެސް އުފުލިއްޖެއެވެ. މިހާރު މިއޮތް ގޮތަށެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް