ގަތަރުކޮމިޓީ ފޯ ދަ ރިކޮންސްޓްރަކްޝަން އޮފް ގާޒާގެ މައިއޮފީހަށް އިޒްރޭލުން ދިން ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އާންމު ރައްޔިތުންނަށާއި އާންމު ރައްޔިތުން ދިރިއުޅޭ ސަރަހައްދުތަކަށް ދޭ ހަމަލާތަކަކީ އިންސާނީ ހައްގުތަކާބެހޭ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ކަމެއް ކަމަށާއި އެކަން އެއްގޮތަކަށްވެސް ބަލައެއް ނުގަނެވޭނެ ކަމަށެވެ.

ބަޔާނުގައި ބުނީ އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ގާޒާގެ މައުސޫމު އެތައް ބަޔަކު މަރުވެފައިވާ އިރު، ހަމަލާތައް ދީ ގާޒާގެ ހޮސްޕިޓަލުތަކާއި އެހީދޭ ތަންތަނައި ސްކޫލުތަކާއި އަޅުކަންކުރާ ތަންތަންވެސް ހަލާކުކުރަމުންދާ ކަމަށެވެ.

އެޔާއެކު، ހަނގުރާމަ ހުއްޓާލުމަށް ވަރުގަދަ ފިޔަވަޅެއް އެޅުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ރާއްޖޭން ގޮވާލާ ގޮވާލުން ތަކުރާރުކުރާ ކަމަށާއި މެދުކެނޑުމެއް ނެތި އިންސާނީ އެހީ ފޯރުކޮށްދެވެން ޖެހޭނެ ކަމަށް ބަޔާނުގައިވެއެވެ.

އަދި ރާއްޖޭގެ ސަރުކާރާއި ރާއްޖޭގެ ރައްޔިތުން އަބަދުވެސް ތިބޭނީ ފަލަސްތީނުގެ ރައްޔިތުންނާ އެކުގައި ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.

އިޒްރޭލުގެ ހަމަލާތަކުގައި މިހާތަނަށް ގަޒާގެ 11،000 އަށްވުރެ ގިނަ މީހުން ވަރުވެފައިވާ އިރު، މުޅި އާބާދީހެން ވަނީ މަގުމަތިވެފައެވެ. އަދި ދާދި ފަހުން ގާޒާގެ އުތުރުގައި ތިބި ގިނަ ބަޔަކު ދެކުނަށް ދަތުރުކޮށްފައިވާ އިރު، އެމީހުން ދަތުރުކުރީ ދިރިއުޅޭނެ ވަކި ގޮތެއް އޮވެގެން ނޫނެވެ.