ވޮލީ ބޯޅަ އެސޯސިއޭޝަން (ވީއޭއެމް) ކުޅިވަރުގެ ގާނޫނީ އިމުގެ ބޭރުން ހިނގަމުންދާތާ އެތައް ދުވަހެއް ފަހުން، މިމަހު ވަނީ ކޮންގްރެސްއެއް ބާއްވާފައެވެ. އެ ކޮންގްރެސް ބާއްވާފައި ވަނީ މީޑިއާއަށް ހިލަމެއްވެސް ނުވެއެވެ. ތިން އަހަރު ފަހުން އާންމު ޖަލްސާއެއް ބޭއްވީ މެމްބަރު ކްލަބުތަކުން އެތައް ގޮތަކުން ޕްރެޝަރު ކޮށްގެންނެވެ. ސްޕޯޓްސް ކޮމިޝަނަރުގެ އެންގުމަށްވެސް އެތައް ދުވަހެއް ވަންދެން ވީއޭއެމްއިން ވަނީ އިންކާރު ކޮށްފައެވެ.
މި މަހު ތިންވަނަ ދުވަހު ވީއޭއެމްއިން އާންމު ޖަލްސާއެއް ބާއްވައި، އާ އަސާސީ ގާވާއިދެއް ފާސްކުރިއެވެ. އެ އަސާސީ ގަވާއިދު ފާސްކުރީ ކްލަބުތަކުން މިދިޔަ ތިން އަހަރުގެ އަހަރީ ރިޕޯޓާއި އަހަރީ ބަޖެޓް ވެސް ފާސް ކޮށްފައެވެ. އަސާސީ ގަވާއިދަށް ބޮޑެތި އިސްލާހުތަކެއް ހުށަހެޅީ މިހާރުގެވެސް އެކްސްކޯއިންނެވެ. އޭގެ ތެރޭގައި 10 ދުވަސް ތެރޭގައި އިންތިހާބެއް ބޭއްވުމަށް މާއްދާއެއް އަސާސީ ގަވާއިދުގައި ހިމަނާފައިވެއެވެ.
އަސާސީ ގަވާއިދުގެ 56 ވަނަ މާއްދާއަށް ގެނައި އިސްލާހާއެކު، މި ހިންގާ ގަވާއިދު، ކޮންގްރެސްގެ ޖަލްސާއަކުން ފާސް ކުރާ ދުވަހުން ފެށިގެން ގިނަ ވެގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި މި ހިންގާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ އިންތިހާބެއް ބާއްވައި އާ ހިންގާ ކޮމިޓީއެއް އިންތިހާބު ކުރަން ވާނެ ކަމަށް ބުނެފައިވެއެވެ.
އޭގެ އިތުރުންވެސް އިންތިހާބީ މަގާމުތަކަށް އެކްސްކޯއަށް މެމްބަރުން ހޮވާ ގޮތަށްވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ކުރިން ކޯޗުންނާއި ރެފްރީންގެ ވޯޓުން އެކްސްކޯއަށް ހޮވާ މެމްބަރުން، ކްލަބުތަކުގެ ވޯޓުން ހޮވަން ޖެހޭ ގޮތަށްވެސް ވަނީ ބަދަލުކޮށްގައެވެ. އަދި ހަމައެއާއެކު ޑިސިޕްލިނަރީ ކޮމިޓީއަށް މެމްބަރުން އައްޔަން ކުރާ ކުރުންވެސް ވޯޓިން ނިޒާމަކަށް ބަދަލުކޮށް، ބީޗު ވޮލީއާއި އެހެން ޑިވިޝަންތަކާ ހަވާލުވުމަށްވެސް އެކްސްކޯއަށް ކުރިމަތިލާން ޖެހޭ ގޮތަށް ވަނީ ބަދަލު ގެނެސްފައެވެ.
ވޮލީގެ ކަންކަން ބޮއްސުން ލައިގެން ގޮސް، މިހާރު އޮތް ހާލަތުގައި އޮތުމާއެކު ބާއްވަން އޮތް އާންމު ބައްދަލުވުމަށް ކްލަބުތަކުން އިންތިހާބު ކުރި ނަމަވެސް، މިއަދު މުއްދަތު ހަމަވިއިރުވެސް އެ އިންތިހާބު ބާއްވާފައެއް، ނުވަތަ ބާއްވަން އިއުލާނު ކޮށްފައެއް ނުވެއެވެ. އެކިއެކި ކަންކަން ދިމާވެ އަނެއްކާވެސް ވޮލީގެ ހިންގުމަށް ހުރަސްތަކެއް މިވަނީ ކުރިމަތިވެފައެވެ.
އަސާސީ ގަވާއިދަށް ގެނައި އިސްލާހު ތަންފީޒު ނުކުރެވި ލަސްތައް ފެންނަމުންދާތީ މެމްބަރު ބައެއް ކްލަބުތަކުން އެކުވެ، އިއްޔެ ވަނީ ޕްރެސް ކޮންފަރެންސެއް ބާއްވާފައެވެ. އެ ބައްދަލުވުމުގައި ވޮލީބޯލް ޔޫތު ނިއު ޖެނަރޭޝަންގެ ނައިބު ރައީސް އަދި ކޯޗު މުހައްމަދު ޝަރަފު ވިދާޅުވެފައި ވަނީ އަސާސީ ގަވާއިދަށް ގެނައި އިސްލާހާއެކު އިންތިހާބެއް ބާއްވައި، އެކްސްކޯއަށް ގެންނަން ޖެހޭ ބަދަލަކީ ވީހާވެސް އަވަހަށް ގެންނަން ޖެހޭ ބަދަލެއް ކަމަށާއި، އެއީ ވޮލީއަށް މިވަގުތަށް ކޮންމެހެންވެސް މުހިއްމު ބަދަލެއް ކަމަށެވެ.
ޝަރަފު އިއްޔެ ވިދާޅުވީ އިންތިހާބު ލަސްވާން ޖެހޭ ސަބަބެއް ނޭނގޭ ކަމަށާއި، ލަސްވާ ސަބަބު ރަސްމީކޮށް ނުވެސް އަންގާ ކަމަށެވެ.
އިއްޔެގެ ޕްރެސްގައި މެމްބަރު ކްލަބުތަކުގެ ފަރާތުން ވީއޭއެމްގެ ކުރީގެ ރައީސް މުހައްމަދު ލަތީފުވެސް ބައިވެރިވެވަޑައިގެންފައިވެއެވެ. އޭނާ ވިދާޅުވީ އަސާސީ ގަވާއިދުގައިވާ އިންތިހާބު ނުބޭއްވި ދާތީ އެސޯސިއޭޝަންގެ މެންބަރު 18 ކްލަބްގެ ތެރެއިން 11 ކްލަބަކުން ސޮއިކޮށް، އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައިދިނުމަށް އެދިފައިވާ ވާނެ ކަމަށެވެ. އަދި އަސާސީ ގަވައިދާ އެއްގޮތަށް އިންތިހާބު ކުރިއަށްގެންދަން އެ ސިޓީގައި އެދިފައިވާނެ ކަމަށް ވެސް ލަތީފް ވިދާޅުވިއެވެ.
އެ ވާހަކަތަކަށް ޖަވާބެއް ހޯދުމަށް ވީއޭއެމްގެ ރައީސް މުހައްމަދު ރަނޭޝް އަށް ގުޅުމަށް "ވަން ސްޕޯޓްސް"އިން ކުރި މަސައްކަތް ކާމިޔާބެއް ނުވިއެވެ. އެކްސްކޯގައި ހިމެނޭ އަބްދުﷲ ނަޝީދު "ވަން ސްޕޯޓްސް"އަށް ވިދާޅުވީ އަސާސީ ގަވާއިދުގައި ބަޔާންކުރާ އާ އިންތިހާބު އިއުލާނު ކުރުމަށް ރައީސްގެ ކިބައިން އެދިފައިވާނެ ކަމަށާއި، އިންތިހާބު އިއުލާނުކުރަން އެންމެ ބޮޑު ލަސްތަކެއް ކުރިމަތިވަނީ ސްޕޯޓްސް ކޮމިޝަނަރު އާންމު ޖަލްސާގައި ނިންމި ނިންމުން ގަބޫލުކުރައްވައި، އެސޯސިއޭޝަނަށް އަންގަވާފައި ނުވާތީ ކަމަށެވެ.
ސްޕޯޓްސް ކޮމިޝަނަރުގެ އޮފީހާ މިވަގުތު ވަގުތީ ގޮތުން ހަވާލުވެ ހުންނެވީ އައިޝަތު ސަމާހެވެ. "ވަން ސްޕޯޓްސް"އިން އައިޝަތު ސަމާހާ އަށް ގުޅަން ކުރި މަސައްކަތްވެސް ކާމިޔާބުވެފައި ނުވާ އިރު، އާންމުކޮށް ވޮލީގެ ކަންކަމުގައި މީގެ ކުރިންވެސް ސްޕޯޓްސް ކޮމިޝަނަރުގެ ފަރާތުން އެކަށީގެންވާ ދުވެއްޔެއްގައި ކަންކަން ނުނިންމާ އޮތްކަން ފާހަގަވެއެވެ.
އެގޮތުން 2021 ވަނަ އަހަރު އާންމު ޖަލްސާ ބާއްވަން ދިން 90 ދުވަސް، އެތައް ދުވަހަކަށް ދެމިގެންދިޔަ ދިޔުން ފާހަގަކޮށްލެވެއެވެ. ވޮލީގެ ގިނަ ކްލަބުތަކުން ދެކޭ ގޮތުގައި އިސްލާހީ ފިޔަވަޅުތައް އެޅުމަށް، އާ އެކްސްކޯއެއް އިންތިހާބުކުރެވޭނެ މަގެއް މިހާރު ބޭނުންވެއެވެ. ކަންކަން އިސްލާހު ވާނީ ހެޔޮ ނިޔަތެއްގައި އެކަން ކޮށްގެންނެވެ.