ޕޮލަންޑްގެ ބިއަލިސްޓޮކްގައި ކުރިއަށްދިޔަ ޔޮނެކްސް އިންޓަނޭޝަނަލް ބެޑްމިންޓަން ފެސްޓިވަލްގެ 11 އަހަރުން ދަށުގެ ސިންގަލްސް ބައިން، ލައިބާ އަހުމަދު މަހުލޫފު (އެލީ) ބްރޯންޒް މެޑަލް ހޯދައިފިއެވެ.
މިމަހުގެ 11 އިން އިއްޔެގެ ނިޔަލަށް ކުރިއަށްދިޔަ މުބާރާތުގައި ލައިބާ ބްރޯން މެޑަލް ހޯދީ ޕޮލަންޑްގެ މާލޭނާ ޕުލްޑޯއާ ސެމީ ފައިނަލްގައި ވާދަކޮށްގެންނެވެ. ލައިބާއަށް ފައިނަލަށް ނުދެވުނީ ވަރުގަދަ މެޗަކުން ބަލިވެގެންނެވެ. އެ މެޗުން ލައިބާ ބަލިވީ 14-15 އަދި 12-15 އިން ސެޓުތައް ގެއްލިގެންނެވެ.
ޕޮލެންޑް މުބާރާތުގެ މެޑަލްއަކާ ހަމައަށް ލައިބާ ދިޔައީ ކުއާޓާ ފައިނަލުގައި ޔޫކްރެއިންގެ އުލިއާނާ ކޮނޮނެންކޯވެސް ބަލިކޮށްފައެވެ. ލައިބާ އެމެޗު ކާމިޔާބުކުރި 2-1 ސެޓުންނެވެ. ފުރަތަމަ ސެޓު 15-4 އިން ލައިބާ ހޯދިއިރު، ދެވަނަ ސެޓު އުލިއާނާ ހޯދީ 11-15 އިންނެވެ. ފަހު ސެޓުގައި މޮޅަށް ކުޅެ ލައިބާ މެޗު ކާމިޔާބުކުރީ 15-8 އިންނެވެ.
އެގާރަ އަހަރުން ދަށުގެ ސިންގަލްސްގެ ގްރޫޕް ސްޓޭޖުގައި ލައިބާ ވަނީ ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށްފައެވެ. ލައިބާ މޮޅުވީ ޔޫކްރެއިންގެ ބޮޑާނާ ސިރޮޓްޔުކް އަތުންނާއި ޕޮލަންޑްގެ އޮލިވިއާ ސެރަފިން އަދި ޕޮލަންޑުގެ އެދްރިއާނާ ޑާނޯގާ އަތުންނެވެ.
މުބާރާތުގެ 13 އަހަރުން ދަށުގެ ބައިގެ ސިންގަލްސްގައި ލައިބާ ވަނީ ޕޮލަންޑުގެ އަގާޓާ ޒޭލިއާ އަދި ޒުޒުއާނާ މިސިއަކް އަތުން ބަލިވެފައެވެ.
ތޭރަ އަހަރުން ދަށުގެ މިކްސް ޑަބަލްސްގައި ލައިބާ އާއި ކެސްޕާ ކޯޒްގެ ޕެއާ ބަލިވީ ޔޫކްރެއިންގެ އެލެގްސަންޑާ ބަންޑްރޮވިޗް އާއި އޮރީސީއާ ސޮޑޮމޯރާގެ ޕެއާ އަތުން ސީދާ ދެ ސެޓުންނެވެ.
ޑަބަލްސް އިވެންޓުގައި ލައިބާގެ ޕާޓްނަރަކީ ލުތުއޭނިއާގެ ޓައުޓް ބަލްޓަކީޓެވެ. މި ޕެއާ އެކުގައި ކުޅުނު ފުރަތަމަ މެޗުގައި ވަނީ ޕޮލަންޑްގެ އަގާޓާ ޒޭލިގާ އާއި ރޯޒާ ސިޕެރެކް ޕެއާ އަތުން ބަލިވެފައެވެ. މެޗުގެ ސެޓުތައް ލައިބާ އާއި ޓައުޓްގެ ޕެއާއަށް ގެއްލުނީ 14-21 އަދި 7-21 އިންނެވެ.
ލައިބާ ވަނީ މިއަހަރު ޔޫރަޕްގައި އޮތް ބައިނަލްއަގުވާމީ ތިން މުބާރާތެއްގައި ވާދަކޮށްފައެވެ. އެއީ މިއަހަރުގެ އޭޕްރީލް މަހު އިޓަލީގައި އޮތް ބޮޒްނާ ފްރޫލިން އިންޓަނޭޝަނަލް ބެޑްމިންޓަން ޗެމްޕިއަންޝިޕާއި މެއި މަހު ކްރޮއޭޝިއާގައި އޮތް އެޑްރިއާ ޔޫތު އިންޓަނޭޝަނަލް ބެޑްމިންޓަން ޗެމްޕިއަންޝިޕްގެ އިތުރުން ޖޫން މަހު ޗެކް ރިޕަބްލިކްގައި އޮތް ޔޮނެކްސް ޗެކް ޔޫތު އިންޓަނޭޝަނަލް 2023 އެވެ.
އެތިން މުބާރާތުގެ ތެރެއިން ކްރޮއޭޝިއާ މުބާރާތުގެ ޑަބަލްސް އާއި މިކްސްޑް ޑަބަލްސް އިން އޭނާ މެޑަލް ހޯދިއެވެ.
އިއްޔެ މެޑަލްއަކީ ބައިނަލްއަގުވާމީ ސިންގަލްސް އިވެންޓަކުން ލައިބާ ހޯދި ފުރަތަމަ މެޑަލްއެވެ.
ބެޑްމިންޓަން
ބެޑްމިންޓަން
ބެޑްމިންޓަން
ބެޑްމިންޓަން