މިދިޔަ ފަސް އަހަރުގެ ތެރޭގައި ހާރިޖީ ސިޔާސަތު ބައްޓަންކޮށްފައި އޮތީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ރައްކާތެރިކޮށް ހިމާޔަތްކުރުމުގެ މައްޗަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ހާރިޖީ ހިދުމަތުގެ އެންމެ މަތިވެރި ޝަރަފް ދެ ބޭފުޅަކަށް އެރުވުމަށް މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، މިސަރުކާރު އައި އިރު، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ އޮތީ ވަރަށް ބޮޑަށް އެކަހެރިވެފައި ކަމަށާއި ބައިނަލްއަގުވާމީ ޖަމާއަތްތަކާ ދެމެދު އޮންނަ ގުޅުން އޮތީ ވަރަށް ބޮޑަށް ހީނަރުވެފައި ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި، ބައެއް އިސްލާމީ ގައުމުތަކާއި ރާއްޖެއާ ދެމެދު ގުޅުން އޭރު ކެނޑިފައި އޮތުމަކީ، ދިވެހިންނަށް ލިބުނު ވަރަށް ބޮޑު ނިކަމެތި ކަމެކެވެ. އަދި އެ ގުޅުން އަލުން އިޔާދަކުރަން ގިނަ މަސައްކަތްތަކެއް ކުރައްވަން ޖެހިވަޑައިގެންނެވިކަމަށް ރައީސް ވިދާޅުވިއެވެ.

"މިދިޔަ ފަސް އަހަރު އަޅުގަނޑުމެންގެ ހާރިޖީ ސިޔާސަތު ބައްޓަންކޮށްފައިވާނީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ މައްޗަށް" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސިވިލް ސާވިސްގައި ނުހިމެނޭ މުޅިން ވަކި ހިދުމަތެއްގެ ގޮތުގައި ހާއްސަ ގާނޫނަކުން ބާރު ލިބިދޭ ހިދުމަތެއްގެ ގޮތުގައި ދިވެހި ފޮރިން ސާވިސް އުފެއްދުމުގެ މަގުސަދަކީ އެއިރެއްގައި އޮންނަ ސަރުކާރަކުން ކަނޑައަޅާ ހާރިޖީ ސިޔާސަތުތައް ދަމަހައްޓައި ނެގެހެއްޓުމުގައި، އެންމެ ފުރިހަމަ މާނައިގައި ރައީސްއަށާއި ސަރުކާރަށް އެހީތެރިވެދިނުން ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، އެމަނިކުފާނުގެ އުންމީދަކީ ރާއްޖޭގެ ހާރިޖީ ދާއިރާ އިތުރަށް ތަރައްގީވެ، ބައިނަލްއަގުވާމީ މަސްރަހުގައި ދިވެހި ދިދަ މިހާރަށް ވުރެވެސް އުހުގައި ވިހުރެމުން ދިއުން ކަމަށެވެ.