ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލްގެ މަސައްކަތް ބޭނުންވާ 80 މިލިއަން ޑޮލަރު ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އިން ހަމަޖައްސައި ދިނީ އެ މަނިކުފާނު އެކަމަށް އެދިވަޑައިގަތުމުން ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު އެހެން މި ވިދާޅުވީ، އެ ފައިސާއަކީ މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި އަބޫ ދާބީ ފަންޑުން ދޭނެކަމުގެ ޔަގީންކަން ދީފައިވާ ފައިސާ ކަމަށާއި އެކަމުގެ ސިޓީވެސް ފޮނުވާފައިވާނީ މި ސަރުކާރުން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު "ވަން" އަށް ވިދާޅުވުމުންނެވެ.

"އެއާޕޯޓް ތަރައްގީ ކުރަނީ އަރަބި ކޯޑިނޭޝަން ގްރޫޕުގެ ހުރިހާ މެމްބަރުން އިންވެސްޓް ކޮށްގެން. އެ ގުރޫޕުގައި ސައުދީ ފަންޑް، އަބޫ ދާބީ ސަރުކާރު، ކުވެއިތް ފަންޑު، އޯޕެކް ފަންޑު ހިމެނޭ. ވަރަށް ފަހުންވެސް ސައުދީ ފަންޑުން އެއާޕޯޓް ނިންމަން އިތުރަށް ބޭނުންވާ 100 މިލިއަން ޑޮލަރު ވަނީ ހަމަޖައްސާފައި. އަބޫ ދާބީ ފަންޑުން ދޭނެކަމުގެ ކޮމިޓްމެންޓް ދީފައިވަނީ 50 މިލިއަން ޑޮލަރާއި 100 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް. އެކަމުގެ ސިޓީވެސް ވާނީ ފޮނުވާފައި" އަމީރު މި މަހުގެ އަށްވަނަ ދުވަހު ވިދާޅުވިއެވެ.

ވީއައިއޭގެ އާ ޓާމިނަލުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށްފަހު ޓާމިނަލުގެ ބޭރުގައި ހުންނަވައިގެން ނޫސްވެރިންނާ ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ޓާމިނަލުގެ މަސައްކަތައް ބޭނުންވާ ފައިސާ ހަމަޖައްސަދިނުމަށް އެ މަނިކުފާނު އެދިވަޑައިގެންނެވީ މި ފަހުން ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ވެރިންނާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން ކަމަށެވެ.

"އެއީ އެ ބައްދަލުވުމުގައި ހުށަހެޅި ނިމުނު ކަމެއް. އޭގެ ކުރީގައި އެއްވެސް ކަމެއް ނިމިފައި އޮތް ކަމެއް ނޫން. އަޅުގަނޑު އެ ބޭފުޅުންގެ ހުއްދަ ހޯދައިގެން މާލެ އައިސްފައި އިއުލާނު ކުރީވެސް، އަޅުގަނޑަށް ދެންނެވި އިއުލާނު ކުރައްވާށޭ. ކަމާބެހޭ އުސޫލުތަކުގެ ތެރެއިން މިހާރުވެސް އަބޫ ދާބީ ފަންޑުން އެހީތެރިކަންދޭ އުސޫލުން ތިމަންނަމެން ފިނޭންސް މިނިސްޓްރީއާ ގުޅިގެން އެ ފައިސާ ދޫކުރާނަމޭ،" މުއިއްޒު ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ އާ ޓާމިނަލާ ގުޅުން ހުރި ސާވިސް ރޯޑް، ޑިއުޓީ ފްރީ ފަދަ މަސައްކަތްތައް މި ސަރުކާރުން ބަޔަކާ ހަވާލުކޮށްފައި ނުވާ ކަމަށެވެ. އަދި ޓާމިނަލުގެ މަސައްކަތް 2025 ވަނަ އަހަރަށް ނިންމުމަށް އެ މަސައްކަތް ހަވާލުކޮށްފައިވާ ބިން ލާދިން ގްރޫޕުން އަމާޒު ހިފާފައިވީ ނަމަވެސް ބޭނުންފުޅުވަނީ ޓާމިނަލުގެ މަސައްކަތް އަންނަ އަހަރުގެ އޮކްޓޯބަރަށް ނިންމައި، ބޭނުންކުރަން ފެށުން ކަމަށް ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، އެންމެ ބޮޑު އާމްދަނީއެއް ލިބޭނީ އެއާޕޯޓުގެ ޑިއުޓީ ފްރީން ކަމަށާއި ޓާމިނަލް ފުރިހަމަވާނީވެސް ޑިއުޓީ ފްރީ އަކާއެކު ކަމަށެވެ. އަދި ޓާމިނަލްގެ ހުރިހާ އޮޕަރޭޝަނެއް ގުޅުވައިދޭ ސާވިސް ރޯޑުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްގެން ނިންމުމަށް 10 މަސް ނަގާއިރު، އޮކްޓޯބަރަށް ޓާމިނަލް ފުރިހަމަ ކަމާއެކު ނިންމާލެވެނީ އެ މަސައްކަތްތައް މިހާރުން މިހާރަށް ބަޔަކާ ހަވާލުކޮށްގެން ކަމަށް ވިދާޅުވިއެވެ.

"މި ޕްރޮޖެކްޓުގައި ނެތް ޑިއުޓީ ފްރީ ނިންމަން ހަވާލުކޮށްފައެއް. ހަމައެކަނި ބޭސިކް ފިނިޝިންއެއް އޮތީ. ޑިއުޓީ ފްރީ އޮޕަރޭޝަނަށް ނުގެނެސް މި އެއާޕޯޓުގެ ފުރިހަމަ ކަމެއް ނުލިބޭނެ" މުއިއްޒު ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ބިން ލާދިންގެ މަސައްކަތުގެ ސްކޯޕް ތެރޭގައި އޭޕްރަން ބޮޑުކުރަން ހިމަނާފައި ނުވާ ކަމަށެވެ. ނަމަވެސް އާ ޓާމިނަލުގެ މަސައްކަތް ނިމި ފުރިހަމަ ގޮތުގައި ބޭނުން ކުރެވެން ފަށާނީ އޭޕްރަން ބޮޑުކޮށް ޖެޓް ސާވިސްއަށް ހާއްސަ ޓާމިނަލެއް ހަދައިގެން ކަމަށާއި ލޭންޑް ސައިޑް ޓްރާންސްޕޯޓް ޕާކިންއަށްވެސް ހައްލެއް ގެންނަން ޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

"މިކަމަށް ބޭނުންވާ ފަންޑިންއަށް އެއްޗެއް މަދުވާނަމަ އެކަންވެސް ހަމަޖެއްސުމާ އެކީގައި، ވަރަށް ޔަގީންކަން އެބަ އޮތް ގުޅިގެން ކުރެވޭ މަސައްކަތުގެ ތެރެއިން އެންމެ އިސްކަންދީގެން މި ޓާގެޓު ހާސިލު ކުރެވޭނެ ކަމަށް،" މުއިއްޒު ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، އެއާޕޯޓުގެ މަސައްކަތްތައް ނިންމުމަށް ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންކަން ކުރައްވަމުން ގެންދަވާނެ ކަމަށާއި ދުވަހުން ދުވަހަށް ނިންމަންޖެހޭ ނިންމުންތައްވެސް ނިންމަވަމުން ގެންދަވާނެ ކަމަށެވެ. އަދި އެ މަޝްރޫއު ނިންމައި އެކަމުގެ ފައިސާ އިގުތިސޯދަށް ހޯދައިދޭނެ ކަމަށް ވިދާޅުވިއެވެ.