ލަގެޖުން ފިސްތޯލައެއް ސިފައިގައި އޮތް ލައިޓަރެއް ފެނިގެން ލަންކާގެ ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓުގައި ރޭ ހައްޔަރުކުރި ދިވެހި މީހާ ދޫކޮށްލައިފައެވެ.

ލަންކާގެ ފުލުހުންނާ ހަވާލާ ދީ، އެ ގައުމުގެ "އޭޑީއޭ ޑެނާރާ" ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ރޭ ދަންވަރު ފުރަން އޮތް ފްލައިޓަކުން ރާއްޖެ އައުމަށް ގޮސް ހުރި 58 އަހަރުގެ ދިވެހި ފިރިހެނެވެ.

ފުލުހުންނާ ހަވާލާދީ އެ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި އޭނާގެ ލަގެޖު ބަލައިފާސްކުރި އިރު، ފެނުނީ ރިވޯލްވާ ކަމަށް ބެލެވޭ ފިސްތޯލައެއް ޒާތުގެ އެއްކެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި، އެ މީހާގެ ލަގެޖުން ފެނިފައިވަނީ، ފިސްތޯލައެއްގެ ސިފައިގައި އޮތް ލައިޓަރެކެވެ. އޭނާ މިއަދު ފުލުހުންގެ ބަންދުން ދޫކޮށްލި ނަމަވެސް އަދިވެސް އޭނާގެ ފާސްޕޯޓް ދޫކޮށްނުލާކަން އެނގިފައިވެއެވެ.