އަލްބޭނިއާ ލީގުގައި ކުޅުނު މެޗެއްގެ ތެރެއިން ވެއްޓުނު އުމުރުން 28 އަހަރުގެ ގާނާ ފޯވަޑް، ރަފޭލް ޑްވާމެނާ މަރުވެއްޖެއެވެ.

ޑްވާމެނާ މަރުވެފައި ވަނީ އޭނާގެ ކްލަބު، އެގްނާޝިއާ އިން ޕާޓިޒާނީއާ ދެކޮޅަށް ހޮނިހިރު ދުވަހު ކުޅުނު މެޗުގެ ތެރެއިންނެވެ. އަލްބޭނިއާގެ ފުޓުބޯޅަ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނީ ޑްވާމެނާ ދަނޑު މައްޗަށް ވެއްޓުނު ވަގުތުން ފެށިގެން ހާއްސަ ޑޮކްޓަރުން މެދުވެރިވެ އޭނާއަށް ފަރުވާ ދިން ނަމަވެސް ފުރާނަ ސަލާމަތް ނުކުރެވުނު ކަމަށެވެ.

ޑްވާމެނާ މަރުވުމުގެ ހިތާމައިގައި އަލްބޭނިއާ ލީގުގެ އިއްޔެގެ މެޗުތައް ވަނީ ފަސްކޮށްފައެވެ.

ގާނާ ފުޓުބޯޅަ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނީ ޑްވާމެނާގެ މަރާއެކު މުޅި ގައުމަށްވެސް އެކަމުގެ ހިތްދަތިކަން ކުރިމަތިވެފައިވާ ކަމަށެވެ. ހާއްސަކޮށް ގާނާ ގައުމީ ޓީމަށް ލިބުނު އުނިކަމެއްގެ ގޮތުގައި އެ ކަންތައް ވެގެންދާނެ ކަމަށްވެސް ގާނާގެ ފުޓުބޯޅަ އިދާރާގެ ރައީސް ކާޓް އެޑްވިން ސިމެއޮން އޮކްރަކޫ ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ޑްވާމެނާއަކީ މިވަގުތު އަލްބޭނިއާ ލީގުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ. މި ސީޒަނުގެ މިހާތަނަށް އޭނާ ވަނީ ނުވަ ގޯލު ޖަހައިފައެވެ. މިހާތަނަށް ގައުމީ ޓީމަށް ޑްވާމެނާ ވަނީ ނުވަ މެޗު ކުޅެ ދެ ގޯލު ޖަހައިފައެވެ.

ދެހާސް ސަތާރަވަނަ އަހަރު ޑްވާމެނާ ގެންދަން ބްރައިޓަންއިން މަސައްކަތް ކުރި ނަމަވެސް، އޭނާ އެފަހަރު މެޑިކަލް އިން ފާސް ނުވީއެވެ. އޭގެ ފަހުން ލެވަންޓޭއާއި ރެއާލް ޒަރަގޯޒާއަށް ޑްވާމެނާ ކުޅެފައިވާ އިރު، 2021 ވަނަ އަހަރު އޮސްޓްރިއާ ލީގުގައި ކުޅެނިކޮށްވެސް ޑްވާމެނާ ދަނޑުމައްޗަށް ވެއްޓިފައިވެއެވެ.

ހަބަރުތައް ބުނެފައިވާ ގޮތުގައި އެފަހަރު ޑްވާމެނާ ވަނީ ހިތުގެ އޮޕަރޭޝަނެއް ކޮށް، އޮޓޮމެޓިކް ޑެފިބްރިލޭޓާއެއް ލައްވާފައެވެ.