ބަންޑަސްލީގާގައި މިހާތަނަށް ކުޅުނު 11 މެޗުން 17 ގޯލު ހަމަކޮށް، ބަޔާން މިއުނިކަށް ކުޅެމުން އަންނަ ހެރީ ކޭން ލީގު ރެކޯޑެއް ހަދައިފިއެވެ.

ޖަރުމަނު ލީގުގައި ރޭ ބަޔާނުން އަމިއްލަ ދަނޑުގައި އެފްސޫ ހެއިޑެންހެއިމް 1846 ބަލިކުރީ 4-2 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ބަޔާން ލީގު ތާވަލުގެ އެއްވަނައަށް ޖެހިލާފައިވާ އިރު، އެޓީމަށް ވަނީ 11 މެޗުން 29 ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި އޮތް ބަޔާން ލެވަކޫސެން 10 މެޗުން 28 ޕޮއިންޓް ހޯދާފައި އޮތް އިރު، ތިންވަނައިގައި އޮތީ ސްޓަޓްގާޑެވެ. ހަތަރު ވަނައިގައި އޮތީ ބްރޫޝިއާ ޑޯޓުމަންޑެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ކޭންގެ ދެ ގޯލު ފެނިގެން ގޮސްފައިވާ އިރު، އޭނާ ވެފައި ވަނީ ލީގުގެ 11 މެޗު ކުޅުނު އިރު، 17 ގޯލު ޖެހި ފުރަތަމަ ކުޅުންތެރިޔާއަށެވެ. ރޭގެ މެޗުގެ ކުރިން އެންމެފަހުން ބަޔާނަށް ކުޅުނު ލީގު ދެމެޗުގައިވެސް ކޭން ހެޓްރިކް ފުރިހަމަ ކުރި އިރު، މީގެ ކުރިން 11 މެޗުން އެންމެ ގިނަ ގޯލު ޖަހައިފައި އޮތީ ރޮބާޓް ލެވަންޑޮސްކީއެވެ.

ދެހާސް ނަވާރަވަނަ އަހަރު ލެވަންޑޮސްކީ ވަނީ ލީގުގައި ކުޅުނު ފުރަތަމަ 11 މެޗުގައި 16 ގޯލު ޖަހައިފައެވެ. ކޭން މިހާތަނަށް ޖެހި ގޯލުތަކާއެކު މިދިޔަ އަހަރު ޖަރުމަނު ލީގުގެ ޓޮޕް ސްކޯރާގެ މަގާމު ހޯދި ކްރިސްޓޮފާ އެންކުންކޫއާއި ނިކްލަސް ފުލްކްރަގު ޖެހި ގޯލުގެ އަދަދު ފަހަނައަޅައި ގޮސްފިއެވެ. އެ ދެކުޅުންތެރިންވެސް މިދިޔަ ސީޒަނުގެ ލީގުގައި ޖުމުލަ ޖެހީ 16 ގޯލެވެ.

ކޭންގެ އިތުރުން ދެން ބަޔާންގެ ގޯލުތައް ރޭ ޖެހީ ރަފައެލް ގޮރޭރޯއާއި އެރިކް ޗުޕަމޮޓިންނެވެ. ހެއިޑެންހެއިމްގެ ގޯލުތައް ޖެހީ ޓިމް ކްލެއިންޑިއެންސްޓާއި ޖޭން ނިކަލަސް ބެސްޓޭއެވެ.