ފަލަސްތީނުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.
ސައޫދީ އަރަބިއްޔާގެ ރިޔާޟްގައި އިއްޔެ ކުރިއަށްގެންދިޔަ ޖޮއިންޓް އަރަބް އިސްލާމިކް އެކްސްޓްރާ އޯޑިނަރީ ސަމިޓްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ.
ޝާހިދު ވަނީ، ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ އަސްކަރީ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި، މިހާރުން މިހާރަށް ހަނގުރާމަ ހުއްޓާލަންޖެހޭކަމަށް ވިދާޅުވެފައެވެ. އަދި އިންސާނީ ހާލަތު ގޯސްވަމުންދާތީ، ކާބޯތަކެއްޗާއި ބޭސް ފަދަ ޒަރޫރީ ތަކެތި ރައްކާތެރިކަމާއެކު ޣައްޒާއަށް ވަންނާނެކަން ކަށަވަރުކުރުމަށް އެއްބާރުލުން ދެއްވުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.
މީގެ އިތުރުން ބައިނަލްއަގްވާމީ އިންސާނީ ގާނޫނާ ހިލާފަށް ޣައްޒާގެ ރައްޔިތުންނަށް ދެމުންދާ އަނިޔާތައް ހުއްޓާލުމަށް ބާރުއެޅުމަށް ބައިނަލްއަގުވާމީ މުޖުތަމައުތަކަށް ޝާހިދު ވަނީ ގޮވާލައްވާފައެވެ.
މި ސަމިޓަކީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ އަނިޔާވެރި ހަމަލާތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ސަމިޓެކެވެ.
އިސްރާއީލުން ޣާޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 11،000 ވުރެ ގިނަ މީހުން ވަނީ މަރާލައިފައެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންވެސް ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު