ބާސެލޯނާގެ ކުރީގެ ހޯމް، ނޯ ކޭމްޕްގެ ވިނަގަނޑުން ފައިސާ ހޯދުމަށް އެ ކްލަބުން ކުރަމުން އަންނަ މަސައްކަތް އިތުރު ހަރުފަތަކަށް ޖައްސާލައިފިއެވެ.

ބާސާގެ ދަނޑު އަލުން ހެދުމަށް އެ ކްލަބުން ކުރީގެ ދަނޑު ދޫކޮށް މިހާރު ކުޅެމުން އަންނަނީ އޮލިމްޕިކް ސްޓޭޑިއަމްގަ އެވެ. ބާސާއިން 24 މަސް ދުވަހު އެ ސްޓޭޑިއަމްގައި ކުޅުމަށް ނިންމާފައިވާ އިރު، އެ ކްލަބުން މިހާރު އަންނަނީ 1.3 ބިލިއަން ޕައުންޑްގެ އާ ސްޓޭޑިއަމް ތައްޔާރުކުރަމުންނެވެ. ކްލަބުގެ ފައިސާގެ ހާލަތު މިހާރުވެސް ވަރަށް ގޯސްކޮށް އޮތް އިރު، އެ ކްލަބުން އަންނަނީ އެކިއެކި ގޮތްގޮތުން ފައިސާ ހޯދަން މަސައްކަތްތަކެއް ކުރަމުންނެވެ.

މީގެ ކުރިން ބާސާއިން އެ ކްލަބުގެ ސްޓޯރުގައި ނޯ ކޭމްޕްގެ ވިނަތައް ވިއްކަން ޖަހާފައިވެސް ވެއެވެ. އަދި މިދިޔަ ހަފުތާގެ ތެރޭގައި އެ ކްލަބުން ވަނީ ބާސާ ދަނޑުގެ ވިނަގަނޑު ބޭނުންކޮށް، ކާބަން ކޮށްފައިވާ ޑައިމަންޑް ވިއްކަން ޖަހައިފައެވެ.

ބާސާއިން ހާފް ކެރެޓު ޑައިމަންޑެއް ގާތްގަނޑަކަށް 2،200 ޕައުންޑަށް ވިއްކަން ޖަހާފައިވާ އިރު، ފުލް ކެރެޓު ޑައިމަންޑެއްގެ އަގަކީ ގާތްގަނޑަކަށް 13 ހާސް ޕައުންޑެވެ. އެ ސްޓޭޑިއަމްގެ ގޯލު ދާގަނޑުން ގޮޅިއެއް ވިއްކާ އަގަކީ 69 ޕައުންޑެވެ. އޭގެ އިތުރުން ރަން ނޯ ކޭމްޕްގެ ހާއްސަ ފަށެއްވެސް 867 ޕައުންޑަށް ވިއްކަން ޖަހާފައިވެއެވެ.

ބާސާއިން ބުނީ ޑައިމަންޑް އުފައްދާފައި ވަނީ ވިނައިން ކާބަން އެކްސްޓްރެކްޓް ކޮށްގެން ކަމަށާއި، އެ އުފައްދަން ކުރި މަސައްކަތުގައި އެއްވެސް ވަރަކަށް ތިމާވެއްޓަށް ގެއްލުމެއް ވޭތޯ ބަލައި، ގެއްލުން ނުވާނެކަން ކަށަވަރު ކޮށްފައިވާ ކަމަށެވެ.