ސަރުކާރުގެ ނުފޫޒު ފޯރުވާފައިވާ ކަމަށް ބުނެ، އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އިން ސްރީ ލަންކާގެ ކްރިކެޓް ސަސްޕެންޑް ކޮށްފިއެވެ.
ސްރީ ލަންކާގެ ކްރިކެޓް މިވަގުތު ސިޔާސީ ހަލަބޮލިކަމެއްގައި އޮތް އިރު، އެ ގައުމުގެ ކްރިކެޓްގެ މައްސަލަގަނޑުގެ ތެރެއަށް ސަރުކާރާއި ކޯޓުން ވެސް ވަނީ ވަދެފައިވެއެވެ. ސްރީ ލަންކާއިން ވޯލްޑް ކަޕްގައި ދެއްކި ދަށް ކުޅުމާއެކު އެ ގައުމުގެ ކުޅިވަރާ ބެހޭ ވުޒާރާއިން ގައުމީ ކްރިކެޓް ބޯޑު އެއްކޮށް މަގާމުން ދުރުކޮށްފައިވާ އިރު، ކުޅިވަރާ ބެހޭ ވަޒީރު ރޯޝަން ރަނަސިންހާ ވިދާޅުވީ އެ ގައުމުގައި އޮތް ކްރިކެޓް ބޯޑަކީ "ގައްދާރު ކޮރަޕްޓް،" ބައެއް ކަމަށެވެ. އެ ނިންމުން ފަހުން ކޯޓުން ބާތިލުކުރި ނަމަވެސް، މަޖިލިސްވެސް މިހާރު ވަނީ އެ މައްސަލައަށް ވަދެފައެވެ.
ކުޅިވަރާ ބެހޭ ވަޒީރު، ކްރިކެޓް ބޯޑުގެ ސެކްރެޓަރީ މޯހަން ޑި ސިލްވާ އަދި ބޯޑު އެއްކޮށް މަގާމުން ދުރުކޮށްފައިވާ އިރު، ރަނަސިންހާ ކްރިކެޓް ހިންގުން ވަގުތީ ގޮތުން ހަވާލުކުރެއްވީ އިންޓަރިމް ކޮމިޓީއަކާ އެކުގައެވެ. އެ ކޮމިޓީގައި ޗެއާއަކީ ލަންކާއެކު ވޯލްޑް ކަޕް ހޯދި އަރްޖޫނާ ރަނަޓުންގާ އެވެ.
ލަންކާ ސަރުކާރުން ކްރިކެޓް ތެރެއަށް ވަނުމާއެކު އައިސީސީން ނެރުނު ބަޔާނެއްގައި ބުނީ އެ ގައުމުގެ ކްރިކެޓް އިދާރާއިން އައިސީސީގެ މެންބަރު ސްޓެޓަސްއާ ހިލާފުވެފައިވާ ކަމަށާއި، އެއީ ސީރިއަސް މައްސަލަތަކެއް ކަމަށެވެ.
ލަންކާގެ ސަސްޕެންޝަން އުވާލަން ގޮތެއް ނިންމާނީ އެ ގައުމުގެ ކްރިކެޓުގެ ތެރެއިން ސަރުކާރުން ނުކުމެ، ކުރީގެ ބޯޑާ ހަވާލުކުރުމުން ކަމަށް ބެލެވިފައިވާއިރު، ލަންކާގެ ސަސްޕެންޝަން ދެމިގެންދާ ނަމަ، ދެން އޮންނަ އައިސީސީ ބޯޑު ބައްދަލުވުމެއްގައި އެކަމަށް މަޝްވަރާ ކުރާނެއެވެ.
ކުރީގެ އިންގްލެންޑް ކޯޗު ކްރިސް ސިލްވަވުޑް ކޯޗުކަން ކޮށްދެމުން އަންނަ ލަންކާއިން މިހާތަނަށް ވޯލްޑް ކަޕްގައި ކުޅުނު ނުވަ މެޗުގެ ތެރެއިން މޮޅުވެވުނީ އެންމެ ދެމެޗުންނެވެ.
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ