މި ދައުރުގައި ކުރި މަސައްކަތުން އަންނަ ދައުރުގައި ދައުލަތުގެ އާމްދަނީ ދެގުނަ އިތުރުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އެހެން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައެވެ. ރައީސް ވިދާޅުވީ ސަރުކާރާ ހަވާލުވެވަޑައިގެންނެވި އިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލްގައި ހުރީ ބިންގާ ކަމަށާއި ފުރިހަމަ ހިދުމަތެއް ދިނުމަށް ޑިޒައިނަށް ކޮންމެހެން ގެންނަން ޖެހޭ ބަދަލުތަކެއް ގެންނެވި ކަމަށެވެ.

އެ މަޝްރޫއަށް ހޯދަން ޖެހޭ ފައިސާ ހޯއްދެވި ކަމަށާއި އެ ޓާމިނަލްގެ މަސައްކަތް ނިމުމުން އެ ޓާމިނަލް ވެގެން ދާނީ މި ސަރަހައްދުގައި ހުރި އެންމެ ހިތްގައިމު އެއް ޓާމިނަލަށް ކަމަށެވެ. އަދި ހަނިމާދޫގައި އަލަށް ހަދާ ބައިނަލްއަގުވާމީ އެއާޕޯޓުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށާއި ގަން އިންޓަނޭޝަނަލް އެއާޕޯޓުވެސް އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

އޭގެ އިތުރުން، އައްޑުއަށް އިގުތިސޯދީ އިތުރު ފުރުސަތުތައް ހޯދައިދިނުމުގެ ގޮތުން ތިން ރަށް އިތުރުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"ރާއްޖެއަށް ގެންނަ އިގުތިސާދީ ބޮޑު ބަދަލު ފުރިހަމަ ވުމުން، 2028 ވަނަ އަހަރާ ހަމައަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އެތައް ގުނައަކުން އިތުރުވާނެ. އެއީ ދައުލަތުގެ އާމްދަނީ ދެގުނަ ކުރެވޭނެ ކަމެއް،" ރައީސް ވިދާޅުވިއެވެ.

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން މީގެ ކުރިން ސަމާލުކަން ދީފައިވާ މިންވަރު ކުޑަކަމަށް ރައީސްގެ ހިތާބުގައި ފާހަގަކުރައްވާފައިވެއެވެ. ނަމަވެސް މި ދައުރުގައި އެ ސިނާއަތް ކުރިއެރުވުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރައްވާފައިވާ ކަމަށާއި ބާނާ މަހަށް އެކުވި-އަގެއް ލިއްބައިދެވޭނެ ވެލިއު އެޑެޑް އުފެއްދުންތަކެއްގެ ގޮތުގައި މަސް އެކްސްޕޯޓް ކުރުމަށް ބޭނުންވާ ކަންކަންވެސް ނިމެމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.