ރަހީނު ކުރިތާ 13 ދުވަސް ފަހުން ލިވަޕޫލްގެ ކޮލަމްބިއާ ފޯވަޑް، ލުއިސް ޑިއާޒްގެ ބައްޕަ ލުއިސް މެނުއަލް ޑިއާޒް ރޭ ދޫކޮށްލައިފިއެވެ.
ލިވަޕޫލް ފޯވަޑް ޑިއާޒްގެ ބައްޕަ ރަހީނުކުރީ ދަ ނޭޝަނަލް ލިބެރޭޝަން އާމީ (އީއެލްއެން) ކިޔާ ޖަމާއަތަކުންނެވެ. ޑިއާޒްގެ މަންމައާއި ބައްޕަ ރަހީނުކޮށްފައި ވަނީ ކޮލަމްބިއާގެ ލަ ގުއާޖީރާގެ ބަރަންކާސްގައެވެ. އެ ވަގުތުން ފެށިގެން ކޮލަމްބިއާ ފުލުހުން، ލުއިސް ޑިއާޒްގެ މަންމައާއި ބައްޕަ ހޯދަން މަސައްކަތް ފަށާފައިވާ އިރު، ރަހީނުކުރިތާ ދުވަހެއްގެ ތެރޭގައި ޑިއާޒްގެ މަންމަ ހޯދާފައިވެއެވެ.
ބައްޕަގެ ހަބަރެއް ނުވެ މިވީ ދުވަސްތަކުގައި ގިނަ އަދަދެއްގެ ސިފައިންނާއި ފުލުހުންނާއެކު އެ ގައުމުގެ އިދާރާތަކުން ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވެއެވެ. އެ އޮޕަރޭޝަނަށް މައުލޫމާތު ދޭ ފަރާތްތަކަށް ފައިސާވެސް ހުށަހަޅާފައިވެއެވެ.
އީއެލްއެން ޖަމާއަތުން ޑިއާޒްގެ ބައްޕަ ދޫކޮށްލާފައި ވަނީ، އެކަން ކުރާ މަތިން ފުލުހުންނާއި ސިފައިންގެ އޮޕަރޭޝަންތައް ހުއްޓާލުމަށް ގޮވާލައި ނެރުނު ބަޔާނަކަށްފަހުއެވެ.
ޑިއާޒްގެ ބައްޕަ ރޭ ދޫކޮށްލުމުން މިހާރު ވަނީ މިލިޓަރީ ހެލިކޮޕްޓަރެއްގައި ވަލެޑުޕާއަށް ގޮސް މެޑިކަލް ޓެސްޓްތަކެއް ފުރިހަމަ ކޮށްފައެވެ. އަދި މިހާރު އެ ޓެސްޓްތައް ނިންމާ އާއިލާ ގާތަށް ގޮސްފައިވާ ކަމަށްވެސް ނޫސްތައް ބުނެއެވެ.
ޑިއާޒްގެ ބައްޕަ ދޫކޮށްލިއިރު ހާލު ރަނގަޅު ކަމަށް ނޫސްތަކުން ބުނެފައިވާ އިރު، ރޭ ލިވަޕޫލުން ކުޅުނު މެޗުގެ ކުރިން އެ ޓީމުގެ ކޯޗު ޔާގަން ކްލޮޕް ބުނީ ޑިއާޒްގެ ބައްޕަ މިނިވަންވުމަކީ ލިބުނު ބޮޑު އުފަލެއް ކަމަށެވެ.
އީއެލްއެންއަކީ ކޮލަމްބިއާގެ އެންމެ ނުރައްކާތެރި ހަނގުރާމަވެރި ޖަމާއަތް ކަމަށްވާ ގުރިއްލާ ގްރޫޕްގެ ބައެކެވެ. އެ ޖަމާއަތުން ދަނީ 1964 ވަނަ އަހަރުން ފެށިގެން ދައުލަތާ ދެކޮޅަށް ހަނގުރާމަ ކުރަމުންނެވެ. އެ ޖަމާއަތުގައި މިހާރުވެސް ގާތްގަނޑަކަށް 2500 މިލިޓަރީ ސިފައިން އުޅޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ލިވަޕޫލް
ލިވަޕޫލް
ލިވަޕޫލް
ލިވަޕޫލް