އިންޑިއާގެ ބޯދާ ޒަމާނުގެ ހިޔާލު ގެންގުޅޭ އާއިލާއަކަށް އުފަންވި ކަނިކާ ޓެކްރިވާލް އަކީ މަތިން ދުއްވާ އެއްވެސް އުޅަނދެއް ދުއްވަން އާއިލާއިން ހުއްދަ ނުލިބުނު އަންހެނެކެވެ. ނަމަވެސް އޭނާ ގެ އުމުރުން އެންމެ 4 އަހަރުގައި މަތިންދާ ބޯޓެއް ޖެއްސިތަން ފެނުނު ފަހުން އަމާޒަކަށް ވީ ބޮޑުވުމުން ޕައިލަޓަކަށް ވާށެވެ.
"އަހަރެން ހަނދާންވާ ގޮތުގައި އޭރު އަހަރެންގެ އުމުރުން 4 އަހަރު. ފުރަތަމަ ފަހަރަށް އަހަރެންނަށް ހެލިކޮޕްޓަރެއް ޖެއްސިތަން ފެނުނީ. އެކަމަކު އެއީ ކޮންއެއްޗެއް ކަމެއް ނޭނގެ. ނަމަވެސް އެ ފެނުނު ހެލިކޮޕްޓަރުވީ އަހަރެންނަށް ވަރަށް ކަމުދިޔަ އެއްޗަކަށް. އެއީ އަހަރެން މަތިންދާ ބޯޓު ދެކެ ލޯބި ވެވުނު ގޮތަކީ" ކަނިކާ މީޑިއާއަށް ބުނެފައިވެއެވެ.
ނަމަވެސް އޭނާގެ ޓީޗަރުންނާއި އާއިލާ މީހުންވެސް ބުނަމުން ދިޔައީ ޕައިލަޓަކަށް ވުމަށްވުރެ ގޭތެރޭގައި އަންހެނުންކުރާ މަސައްކަތް ކުރަން އިނުން މާ ރަނގަޅުވާނެ ކަމުގައެވެ. ކަނިކާ ފަދަ ކުދިންނަށް ހުއްދަ އޮންނަނީ ހަމައެކަނި އާއިލީ ވިޔަފާރީގައި މަސައްކަތް ކުރުމަށެވެ. ނުވަތަ އެއްވެސް ކަމެއް ނުކޮށް ގޭގައި ދަރިން ބަލަން ތިބުމެވެ. އެހެނަސް ކަނިކާއަށް އެގޮތް ކަމަކު ނުދިޔައެވެ.
ބޮޑުވުމުން އެނާ ކުރިކަމަކީ އިންވެސްޓަރުން އަތުން ފައިސާ އެއްކުރުމަށް ފަހު މަތިންދާ ބޯޓެއް ގަތުމެވެ. އެކަމަކު އެއީ އެނާގެ އަމިއްލަ އުފަލަށް ކުރިކަމެއް ނޫނެވެ. ކަނިކާ މަތިންދާ ބޯޓު ގަތީ މަތީ ފެންވަރުގެ މީހުންނަކަށްވެސް ނޫނެވެ. މަޝްހޫރު މީހުން އޭގައި އުދުހުމަށް ހާއްސަކުރާކަށްވެސް ނޫނެވެ.
"އަހަރެން އަތުގަ 9 މަތިންދާބޯޓާއި 2 ހެލިކޮޕްޓަރު އެބައޮތް. މިއީ ހަމައެކަނި ސީއީއޯއިންނާއި ސެލެބްރިޓީންނަށް އެ މީހުންގެ ހިތްހަމަޖެހުމަށް ކުއްޔަށް ދުއްވަން ހާއްސަކޮށްފައިހުރި މަތިންދާބޯތުތަކެއް ނޫން" ކަނިކާ ބުންޏެވެ.
ކަނިޔާ ގަތް މަތިންދާ ބޯޓުތައް ދޫކުރަން ފެށީ ކުއްޔަށެވެ. ޓެކްސީއެއް ގޮތަށެވެ. މަރުވެފައިވާ މީހުންގެ ގުނަވަންތައް އޭގެ ބޭނުން ޖެހިފައިވާ މީހުންނަށް ފޯރުކޮށްދިނުމުގައި އެހީތެރިވެދެއެވެ. އިމަޖެންސީކޮށް ބަލި މީހުންނަށް ބޭނުންވާ އެކި ކަންކަމުގައެވެ. މީހުން ސަލާމަތް ކުރުމަށް ވެސް ކަނިކާގެ މަތިންދާ ބޯޓުތައް ކުއްޔަށް ދޫކުރެއެވެ.
"އަހަރުމެން އިމަޖެންސީ ރެސްޕޮންސަސް އެންޑް ރެސްކިއު މިޝަންސް ތަކަށްވެސް މަތިންދާ ބޯޓުތައް ކުއްޔަށް ދޫކުރަން" މިއީ ކަނިކާގެ ހިތްހަމަޖެހުމެވެ.
ކަނިކާ ކުއްޔަށް ދޫކުރާ މަތިންދާ ބޯޓުތަކަކީ، ފެންވަރު ރަނގަޅު ބޯޓު ތަކެކެވެ. މީހުންނަށް އަތްފޯރާ ފަށުގައި މަތިންދާ ބޯޓުގެ ކުލި ކުޑަކޮށްދެވޭތޯ ކަނިކާ މަސައްކަތް ކުރެއެވެ. މި މަތިންދާ ބޯޓު ތަކުން ފެންނަނީ ޒަމާނީ ވަސީލަތްތަކާއެކު ފަސޭހައިގައި ދަތުރު ކުރެވޭނެ އިންތިޒާމުތައް ހަމަޖެހިފައިވާތަނެވެ.
އިންޑިޔާގެ މި އަންހެން މީހާއަކީ މިހާރު "ޖެޓްސެޓްގޯ ބޭޓާ" ގެ ސީއީއޯއެވެ. މީނާގެ ވާހަކަ ތަކުން އެނގެނީ "ނޫނެކޭ ނުވާނޭ ބުނާ ބުނުމަށް އާނއެކޭ ވާނޭ"
ބުނާ އަންހެނުން އިތުރުވަމުން އަންނަ ކަމެވެ. އަންހެނުންނަށް ކޮންމެ ކަމެއްވެސް ކުރެވިދާނެކަން ސާބިތުކޮށްދިނެވެ.
"އަންހެނުންނާ މެދު ދުނިޔޭގައި އޮތް އެންމެ ބޮޑު އޮޅުވާލުމަކީ އަންހެނަކަށް ވީތީ ނުވާނެޔޭ ބުނާ ބުނުން. އަންހެނަކަށް ވިޔަސް ކުރެވޭނެ އެތައް ކަމެއް އެބަހުރި. ބޭނުން ވަނީ، ތިމާގެ އަމިއްލަ ނަފުސަށް އިތުބާރުކުރަން، އެންމެ ބޮޑު މޯޓިވޭޓަރަކީވެސް އަމިއްލަ ނަފްސު ކަމުގައި ދެކުން، ތިމާއަކީ އަމިއްލަ މީހާއަށް އެންމެ ބޮޑު އެއްބަރުލުން ދޭ މީހާވެސްމެ، ތިބާގެ ހުވަފެންތަކުގައި އެހެން މީހަކު ކުލަޖައްސައިދޭނެ ކަމުގެ އިންތިޒާރުގައި ނުހުރެ، އަމިއްލަ ނަފްސަށް އިތުބާރު އޮންނަ ނަމަ ކޮންމެކަމެއްވެސް ކުރެވޭނެ" މިއީ ކަނިކާ އެހެން އަންހެނުންނަށް ދޭން ބޭނުންވާ މެސެޖެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި