ރައްޔިތުން މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އެ މަގާމުން ވަކިކުރެއްވުމުގެ މައްސަލަ އަންނަ އާދިއްތަ ދުވަހަށް އެޖެންޑާކޮށްފިއެވެ.
މަޖިލީހުގެ ރައީސްގެ މަގާމުން އެ މަނިކުފާނު ދުރުކުރުމަށް ދެވަނަ ފަހަރަށް މަޖިލީހަށް ވެއްދި އިތުބާރު ނެތްކަމުގެ މައްސަލަ، މަޖިލީހުގެ ތެރެއިން ކުރިއަށް ނުގެންދެވި އެކަމަށް ފަރުވާއެއް ހޯދުމަށް އެމްޑީޕީން ސްޕްރީމް ކޯޓަށް ވެއްދި ދުސްތޫރީ މައްސަލައިގައި މިއަދު ވަނީ އެ ކޯޓުން ހުކުމްކޮށްފައެވެ.
ފަސް ފަނޑިޔާރުންގެ އަގުލަބިއްޔަތުން ކުރި ހުކުމުގައި ބުނީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) އަށް ރިއާޔަތްކޮށް، މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެނި މަޖިލީހުގެ ނައިބު ރައީސަށް ކަމަށް ކަނޑައަޅައި ރައީސް ނަޝީދު މަޖިލިސް ރައީސްކަމުގެ ކަމާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ އިދާރާއިން ކުރިއަށް ގެންގޮސްފައި ނުވަނީ ގާނޫނުއަސާސީގެ 82 ވަނަ މާދާގެ (ށ)އާ ހިލާފަށް ކަމަށެވެ. އަދި ނައިބު ރައީސް ނެތަސް އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ބުނެފައިވެއެވެ.
އެ ހުކުމް ކުރިތާ ގަޑިއިރެއް ނުވަނީސް މަޖިލީހުން ވަނީ އާދިއްތަ ދުވަހަށް ޖަލްސާއެއް ބާއްވަން ނިންމައި، ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށްފައެވެ.
ސްޕްރީމް ކޯޓުގެ އެ ހުކުމާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކުރައްވައި މަޖިލީހުގެ ވަޓްސްއަޕް ގްރޫޕަށް ނަޝީދު ފޮނުއްވި މެސެޖެއްގައި ވަނީ، ކޯޓުން މައްސަލަ ބަލަން ހޭދަވި ފަސް ދުވަހަކީ އެ މައްސަލަ ދިގު ދައްމާލުމަށް އެ މަނިކުފާނަށް ވެދިން އެހީއެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.
"ހުކުމްގައި އޮތީ ހަތް ދުވަހު ހިފަހައްޓާށޯ. ސްޕްރީމް ކޯޓުންވެސް ފަސް ދުވަސް ކުޅެދީފީމޯ،" ނަޝީދު ވިދާޅުވެފައިވެއެވެ.
ނަޝީދު ވަނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރެއްވުމާ ހަމައަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހިފަހައްޓައިލެވޭނެ ކަމުގެ އިޝާރާތެއްވެސް މިއަދު ދެއްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު