އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ޖަލްސާ ހުއްޓުވުމަށް އެމްޑީޕީން ރޭވި ރޭވުން ފެއިލްވެއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު އެގޮތަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން އެ މަނިކުފާނު ދުރުކުރުމަށް ދެވަނަ ފަހަރަށް މަޖިލީހަށް ވެއްދި އިތުބާރު ނެތްކަމުގެ މައްސަލަ، މަޖިލީހުގެ ތެރެއިން ކުރިއަށް ނުގެންދެވި އެކަމަށް ފަރުވާއެއް ހޯދުމަށް އެމްޑީޕީން ސްޕްރީމް ކޯޓަށް ވެއްދި ދުސްތޫރީ މައްސަލަ އެ ޕާޓީއާ އެއްކޮޅަށް އެ ކޯޓުން މިއަދު ނިންމެވުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.
"އިންތިހާބީ ރައީސްގެ ހުވާކުރެއްވުމުގެ ޖަލްސާ ހުއްޓުވުމަށް އެމްޑީޕީން ރާވަމުންދިޔަ ރޭވުން ފެއިލްވިކަމަށްޓަކައި މާތްﷲ އަށް ހަމްދުކުރަން. ހުވާކުރެއްވުމުގެ ކަންކަން ދާނީ ރީތިކޮށް" ނަޝީދު، އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
އެމްޑީޕީގެ 48 މެންބަރަކު ސޮއި ކުރައްވައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސްގެން އެ ޕާޓީން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލާގައި ދެ އަމުރެއް ނެރެދިނުމަށް އެދުނެވެ. އެއީ، ރައްޔިތުންގެ މަޖިލީހުގެ 205 ވަނަ މާއްދާގެ (ބ)ގައިވާ ގޮތުގެ މަތިން، ރައްޔިތުން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރަން ހުށަހަޅާފައިވާ މައްސަލައަށް ގޮތެއް ނިންމެވުމުގެ ރިޔާސަތު ބެލެހެއްޓުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ހާޒިރުނުވާ ހާލަތުގައި، ހާޒިރުވެވަޑައިނުގެންނެވޭ ހާލަތުގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު 44 ވަނަ މާއްދާއަށް އަމަލުކުރުން، މަޖިލީހުގެ މައްޗަށް މަޖިލީހުގެ އިދާރާއަށް ލާޒިމުވާނެ ކަމަށް ކަނޑައަޅުވައިދެއްވުމަށެވެ.
އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް ގަރާރެއް ހުށަހެޅިފައިވާނަމަ އެ ވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާމެދު ބަހުސް ކުރެވޭނީ ނުވަތަ ގޮތެއް ނިންމަން ވާނީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމާ މެދު ގަރާރާ މެދު ގޮތެއް ނިންމެވުމަށްފަހު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ރ)ގައި ބަޔާންކޮށްފައިވާތީ، ރައްޔިތުން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް މިހާރު ހުށަހަޅާފައިވާ ގަރާރާ މެދު ގޮތެއް ނިންމުމަށްފަހު ނޫނީ މަޖިލީހުގެ އެހެން އެއްވެސް ޖަލްސާއެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅުވައި ދެއްވުމަށެވެ.
އެ މައްސަލާގައި ފަސް ފަނޑިޔާރުންގެ އަގުލަބިއްޔަތުން ކުރި ހުކުމްގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ނެތަސް، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށާއި މަޖިލީހުގެ ނައިބު ރައީސް ނެތް ހާލަތެއްގައި ރިޔާސަތު ބަހަލައްޓާނީ މަޖިލީހުގެ ގަވައިދުގައި ބަޔާންކުރާ ފަސް މެންބަރުންގެ ތެރެއިން މެންބަރެއް ކަމަށެވެ.
ނަމަވެސް މަޖިލީހުގެ ރައީސްގެ ގަރާރެއް ކުރިއަށް ނުގެންދެވޭ ހާލަތެއް މެދުވެރިވިޔަސް، މަޖިލީހުގެ މައްޗަށް ލާޒިމުކޮށްފައިވާ ކަމެއް ކުރަންޖެހޭނެ ކަމަށް ހުކުމުގައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު