ލިވަޕޫލްގެ ކޮލަމްބިއާ ފޯވަޑް، ލުއިސް ޑިއާޒްގެ ބައްޕަ ކިޑްނެޕް ކޮށްފައިވާ ޖަމާއަތް ކަމަށްވާ ދަ ނޭޝަނަލް ލިބެރޭޝަން އާމީ (އީއެލްއެން) އިން ހާއްސަ ބަޔާނެއް ނެރެފިއެވެ.

މީގެ ދެ ހަފުތާ ދުވަސްކުރިން ޑިއާޒްގެ މަންމައާއި ބައްޕަ ރަހީނުކޮށްފައިވަނީ ކޮލަމްބިއާގެ ލަ ގުއާޖީރާގެ ބަރަންކާސްގައެވެ. އެ ވަގުތުން ފެށިގެން ކޮލަމްބިއާ ފުލުހުން، ލުއިސް ޑިއާޒްގެ މަންމައާއި ބައްޕަ ހޯދަން މަސައްކަތް ފަށާފައިވާ އިރު، މިހާރު ވަނީ އެ މަސައްކަތުގައި މަންމަ ފެނިފައެވެ.

ބައްޕަގެ ހަބަރެއް މިއަދާ ހަމައަށްވެސް ވެފައިނުވާ އިރު، ކޮލަމްބިއާ ސަރުކާރުން ޑިއާޒްގެ ބައްޕަ ހޯދަން 120 އަށްވުރެ ގިނަ ސިފައިންގެ އެހީ ހޯދަމުންދެއެވެ. އޭގެ އިތުރުން ފުލުހުންވެސް ހަރަކާތްތެރިވަމުންދާ އިރު، ޑިއާޒްގެ ބައްޕަގެ އެއްވެސް މައުލޫމާތެއް އެނގޭ މީހެއް ހުރި ނަމަ، އެކަން އަންގައިދިނުމުން 40،000 ޑޮލަރުގެ ފައިސާގެ އިނާމެއް ދޭންވެސް ސަރުކާރުން ވަނީ ނިންމައިފައެވެ.

އީއެލްއެންގެ ކޮމާންޑަރު ޖޯސޭ މެނުއަލް މާޓިނޭޒް ގުއިރޯޒް ނެރުނު ބަޔާނެއްގައި ބުނީ ޑިއާޒްގެ ބައްޕަ ވީ އެންމެ އަވަހަކަށް މިނިވަން ކުރަން ބޭނުންވާ ނަމަވެސް، ފުލުހުންނާއި ސިފައިން ހިންގަމުންދާ މިލިޓަރީ ވަރުގަދަ އޮޕަރޭޝަނުގެ ސަބަބުން އެކަމަށް ދަތިތައް ކުރިމަތިވާ ކަމަށެވެ.

އެ ބަޔާނުގައި ބުނީ ޑިއާޒްގެ ބައްޕައަށް އަނިޔާއެއް ވިޔަނުދީ ދޫކޮށްލަން "ސެކިއުރިޓީ ގެރެންޓީ" ބޭނުންވާ ކަމަށެވެ. އެ ޖަމާއަތުން ބުނީ ޑިއާޒްގެ މަރުލަންދާ އާއިލާގެ ނުތަވަސްކަން "އަންޑަސްޓޭންޑް" ވާ ކަމަށާއި، ޑިއާޒްގެ ބައްޕަ ދޫކޮށްލެވެން އޮތީ ސަރުކާރުގެ އޮޕަރޭޝަންތައް މަޑުޖައްސާލުމުން ކަމަށެވެ.

ބައްޕައާއި މަންމަ ކިޑްނެޕް ކުރި ފަހުން ޑިއާޒް މިހާތަނަށް ލިވަޕޫލަށް ކުޅުނީ އެންމެފަހުން ލީގުގައި ކުޅުނު މެޗުގައެވެ. އެ މެޗުގައި ޑިއާޒް ބެންޗުން އަރައި ގޯލު ޖަހައި، ޖާޒީން ހާއްސަ މެސެޖެއް ދިނެވެ. މެސެޖުގައި ބުނީ ބައްޕާ ވީ އެންމެ އަވަހަކަށް ދޫކޮށްލުމަށެވެ.